އުފަންވާއިރު ހިތުގެ ބަލި ހުންނަ ކުދިންނަށް އަމާޒު ކޮށްގެން ޓައިނީ ހާރޓްސްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕް މި އަހަރު ފަށައިފިއެވެ.
"ކެއާރ ފޯރ ޓައިނީ ހާރޓްސް 2019 މި ނަމުގައި" ބާއްވާ މިކޭމްޕަކީ އުފަންވާއިރު ހިތުގެ ބަލި ހުންނަ ކުދިން ދެނެގަނެ އެ ކުދިންނަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާ ދިނުމަށް ކުރިއަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕްގައި ޖުމްލަ 195 ކުދިން ޑޮކްޓަރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ޓައިނީ ހާރޓްސްގެ ކޯރޑިނޭޓިންގ ޓީމުގެ މެމްބަރު ފިއުނާޒް ވަޙީދު ވިދާޅުވީ މި ކޭމްޕް ކުރިއަށް ގެންދަނީ ޑޮކްޓަރަށް ގިނަ ކުދިންނަށް ދެއްކޭނެހެން ކޮންމެ އަހަރެއްގެ ސްކޫލް ބަންދާ ދިމާކޮށް ކަމަށެވެ. ޓައިނީ ހާރޓްސްގައި ރަޖިސްޓްރީ ވެފައިވާ ކުދިންގެ ތެރޭއިން %60 ކުދިންނަކީ އަތޮޅުތެރޭގައި އުޅޭ ކުދިންނެވެ. ސްކޫލް ބަންދު ދުވަސްވަރަކާއި ދިމާކޮށް މި ކޭމްޕް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ އަތޮޅުގެ ރަށްތަކުގައި ދިރިއުޅެމުންދާ ކުދިންގެ ބެލެނިވެރިންނަށް މާލެ އައުމަށް އެންމެ ފަސޭހަވަނީ މިދުވަސްވަރުކަމަށްވާތީކަމަށް ފިއުނާޒު ވިދާޅުވިއެވެ.
ޓައިނީ ހާރޓްސްގެ ފައުންޑިންގ މެމްބަރު އަލީ މުއާޒް ވިދާޅުވީ މި ކޭމްޕް ކުރިއަށް ގެންދަނީ އާސަންދައިގެ އެހީގެ ދަށުންކަމަށެވެ. އެހެންކަމުން ޑޮކްޓަރަށް ދައްކާ ނިމޭއިރު ހިތުގެ ބަލީގައި ސާރޖަރީ އެއް ހަދަން ޖެހުނު ނަމަވެސް ބޭރަށް ފުރުމުގެ ކަންކަން މި ކޭމްޕްގެ ތެރެއިން ހަމަޖެހިގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ "ކެއާރ ފޯރ ޓައިނީ ހާރޓްސް ކޭމްޕް ބައްވާ 11 ވަނަ އަހަރެވެ. ވޭތުވެ ދިޔަ 5 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކޭމްޕްގައި ކޮންމެ އަހަރަކުވެސް 100 އާއި 150 އާއި ދެމެދުގެ އަދަދަށް ކުދިންނަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ވަނީ ދީފައެވެ.
ކެއާރ ފޯރ ޓައިނީ ހާރޓްސް ކޭމްޕް މިފަހަރުގެ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ.
ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަކީ 2009 ވަނަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި 563 ކުދިން ރަޖިސްޓްރީ ކޮށްފައިވެއެވެ. ޓައިނީ ހާރޓްސްގެ މައިގަނޑު މަޤްސަދަކީ އުފަންވުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވުމާއި ހިތުގެ ބަލި ތަކާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަކީ ވަރލްޑް ހާރޓް ފެޑެރޭޝަންގެ މެމްބަރެކެވެ.