ޚަބަރު

ޓްރެއިނިންގ ކޭމްޕުގައި ލަބާން ބައިވެރިކުރީ މުސްތަގުބަލަށް ބަލާފައި - ސެގާޓް


އޭއެފްސީ ކޮލިފައިންގައި ލަބާނަށް ނުކުޅެވުނަސް ޓްރެއިނިންގް ކޭމްޕުގައި އޭނާ ބައިވެރި ކުރަނީ މުސްތަގުބަލަށް ބަލާފައި ކަމަށް ގައުމީ ކޯޗް ސެގާޓް ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދްގައި މިމަހު އޮންނަ އޭއެފްސީ ތޭވީސް އަހަރުން ދަށުގެ ކޮލިފިކޭޝަން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ފިލިޕީންސްގައި ކުރިއަށްގެންދާ ޓްރެއިނިންގް ކޭމްޕުން ޒުވާން ކީޕަރު ލަބާންއަށް ވަނީ ފުރުސަތުދީފައެވެ.

ކޯޗް ސެގާޓް ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި ލަބާންއަކީ މުސްތަގުބަލުގައި ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރަށްވެސް ވެވޭނެ ޒުވާން ކީޕަރެއް ކަމަށާއި، އެހެންކަމުން މުބާރާތުގައި ނުކުޅެވުނު ނަމަވެސް ލަބާންއަށް ރަނގަޅު ފުރުސަތުތަކާއި ތަމްރީން ދިނުން މުހިންމުކަމަށެވެ.

ލަބާންގެ އިތުރުން މިފަހަރުގެ ޓިމުގައި، އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ކުޅުންތެރިއަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެގައި ވަޒީފާ އަދާކުރާ ކުޅުންތެރިއަކަށް ކޯޗުވަނީ ފުރުސަތު ދީފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެމްއެންޑީއެފްގެ ކުޅުންތެރިއަކަށް ފުޓްބޯޅައިގެ ޤައުމީ ޓީމަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ކޯޗު ބުނީ، ޕްރައިވެޓް މުހައްމަދު ނިޔާޒަކީ ހުނަރު ހުރި ކުޅުންތެރިއެއް ކަމަށާއި، އެކަށީގެން ފަރިތަކުރުންތަކެއް ކުރެވިއްޖެނަމަ ތަފާތު ފެންނާނެ ކަމަށެވެ. މުހައްމަދު ނިޔާޒްގެ ކުޅުން ފާހަގަ ވެގެންގޮސްފައިވަނީ ނިމިދިޔަ އެމްއެންޑީއެފް އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ.

މިއަހަރުގެ ޔޫތް ޗެމްޕިއަންޝިޕުން ކުޅުން ފާހަގަވެ، ޓީމުގައި ހިމަނާފައިވާ ޕޮލިސުގެ ކުޅުންތެރިއަކީ، އީގަލްސްގެ ޑިފެންޑަރ އިސްމާޢީލް ހަމްދޫންއެވެ.