ޚަބަރު

ޓްރަމްޕް އާއި ކިމް ޖޮންގް އުން އެކުގައި ބައްދަލުކުރައްވާނަމަ އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން- އިންފަންޓީނޯ


އެމެރިކާގެ ރަޢީސް އާއި އުތުރު ކޮރެއާގެ ރަޢީސް، އެއްމޭޒެއްގެ ދޮށުގައި ބައްދަލުކުރައްވާނަމަ އެއްވެސް ކަމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެ ކަމަށް، ފީފާގެ ރަޢީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އިންފަންޓީނޯ މިހެން ވިދާޅުވީ، އަރަބި ގައުމުތަކުގެ ތެރޭގައި ޖެހިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން 2022ވަނަ އަހަރުގެ ވޯލްޑް ކަޕުގައި 48ޓީމު ބައިވެރި ކުރުމަށް ހުރަހެއް ވޭތޯ ނޫސްވެރިއަކު އެހުމުންނެވެ.

އިޓަލީގެ ރޯމްގައި ބޭއްވި ފީފާގެ އެގްޒެކެޓިވް ފުޓްބޯލް ސަމިޓަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވީ، 48ގައުމު ބައިވެރިކޮށްގެން ވޯލްޑްކަޕް ބޭއްވޭނެ ކަމަށާއި، ނަމަވެސް ގަތަރުގައި އެކަނި ބާއްވާނަމަ އެއީ އުނދަގޫ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި 2026ވަނަ އަހަރު ވޯލްޑްކަޕް ބާއްވަން ރާވާފައިވާ ގޮތަށް، އަރަބި ތިން ގައުމެއްގައި ބޭއްވޭނަމަ ވަރަށް ގިނަ ގޮތްގޮތުން ފަސޭހަވެގެންދާނެ ކަމަށް އިންފަންޓިނޯ ވިދާޅުވިއެވެ. ނަމަވެސް އަރަބި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުންތަކުގެ ސަބަބުން އެއީ ނުވާ ކަމެއް ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.

އިންފަނަޓިނޯ ވިދާޅުވީ، އަންނަ ޖޫން މަހުގެ ތެރޭގައި 2022ވަނަ އަހަރުގެ ވޯލްޑް ކަޕާއިމެދު ވަކިގޮތެއް ނިމޭނެކަމަށާއި، 48 ޓީމު ބައިވެރި ކޮށްގެން 2026ވަނަ އަހަރުގެ މުބާރާތް ބާއްވަން ރާވާ ނިންމާފައި ވުމުން 2022ވަނަ އަހަރު އެކަން ނުވާންވީ މާބޮޑު ސަބަބެއް ނެތްކަމަށެވެ.

2022ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި 32ޓީމު ބައިވެރި ކުރާގޮތަށް މީގެ ކުރިން ފީފާއިން ނިންމާފައިވުމުން، އެގައުމުން އަންނަނީ މުބާރާތަށް މުޅިން އަލަށް 8 ސްޓޭޑިއަމެއް ބިނާކުރަމުންނެވެ.
2022ވަނަ އަހަރުގެ ވޯލްޑް ކަޕުގައި 48 ގައުމު ބައިވެރި ކުރުވަން ފީފާއިން މަޝްވަރާ ކުރަމުން އަންނައިރު، 2026ވަނަ އަހަރުގެ މުބާރާތުގައި 48 ގައުމު ވާދަކުރާނެ. އެމުބާރާތް އޮންނާނީ އެމެރިކާ، ކެނެޑާ، އަދި މެކްސިކޯގައެވެ.