ޚަބަރު

ބާންލީއާއި ދެކޮޅަށް ކުޅޭމެޗުގައި ހެރީ ކޭން ފެނުން ގާތް - ޕޮޗެޓީނޯ


ބާންލީއާއި ދެކޮޅަށް ކުޅޭމެޗުގައި ހެރީ ކޭން ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

މިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑު އަތުން 1-0 އިން ބަލިވި މެޗުގައި ހެރީ ކޭންގެ ކުޑަހުޅުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އެނބުރި ކުޅުމުގެ ތެރެއިން ފެންނާނެ ކަމަށް ބޮޑަށް ބެލެވުނީ އަންނަ މާރޗު މަހުގެ ފަހުންނެވެ.

ނަމަވެސް ބާންލީ އާއި ދެކޮޅަށް ހޮނިހިރު ދުވަހު ޓޮޓްނަމް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗް ޕޮޗެޓީނޯ ބުނީ، ފައިތުވި ދިހަވަރަކަށް ދުވަހުގެ ތެރޭގައި ކުރި ހުރިހާ ފަރިތަކުރުމެއްގައިވެސް ކޭން ބައިވެރިވެފައިވާ ކަމަށާއި، އޭނާ އަންނަނީ އަނިޔާއިން ރަނގަޅުވާން ކުރެވެންހުރި ހުރިހާކަމެއް ކުރަމުން ކަމަށެވެ.

މެޗާގުޅޭގޮތުން ވާހަކަ ދައްކަމުން ޕްޗެޓީނޯ ބުނީ، ބާންލީ އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުންވެސް މޮޅުވެވުނީ ވަރަށް އުނދަގުލުންކަން ހަނދާން އެބަހުރި ކަމަށާއި، މިހާރު އެޓީމު އޮތީ އޭރަށްވުރެވެސް ފޯމުގައި ކަމަށެވެ.

އަދި ޓޮޓްނަމްއަކީ އަދުވެސް ލީގު ހޯދުމުގެ އުންމީދު ގެންގުޅޭ ޓީމެއް ކަމަށާއި، އެހެންކަމުން މިމެޗުންވެސް ތިން ޕޮއިންޓް މުހިންމު ކަމަށް އޭނާ ބުންޏެވެ
.
ޓޮޓްނަމް މިވަގުތު އޮތީ 60 ޕޮއިންޓާއިއެކު ތާވަލުގެ ތިންވަނަ މަގާމުގައި، އެއްވަނާގައި އޮތް ސިޓީ އާއި ދެވަނާގައި އޮތް ލިވަޕޫލްއަށްވެސް ލިބެނީ 65ޕޮއިންޓެވެ.