އެއްގަމު ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކާ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެއުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ، އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމް ބޮއްސުންލައިގެން ދިއުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޤާނޫނު އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުނުކުރެވުންކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެގޮތުން އެއްވެސް ހަމައެއްނެތި އިންޖީނުލީ އުޅަނދުތައް އިންތިހާއަށް އިތުރުވެ، އެކްސިޑެންޓްތައް ގިނަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށާ، އެކަމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް އެންމެ އެކަށީގެންވާގޮތެއްގައި ތަންފީޒުކުރެވިފައިނެތްކަމަށެވެ. އެހެންނަމަވެސް އެކަންކަން ހަރުދަނާކުރުމަށްޓަކާ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށްޓަކާ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
"ކުރީގައި ޤާނޫނުގައި ހުރި ކަންތައްތަކެއް ތަންފީޒުކުރެވިފައެއްނެތް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެކަންކަން ތަންފީޒުނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު މި ދިމާވާ އެކްސިޑެންޓުތަކާއި ހިތާމަވެރި ހާދިސާތައް އިތުރުވެގެން މިދަނީ. އަޅުގަނޑުމެން މަސައްކަތްކުރާނީ ޤާނޫނުގެ އިމުގެ ތެރެއިން، މިކަންކަން ހުއްޓުވުމަށްޓަކާ ކުރެވެންހުރި ހުރިހާކަމެއް ކުރަން" މިނިސްޓަރ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ. އަދި މިކަން ކުރުމުގައި ކަމާގުޅުންހުރި އިދާރާތަކުގެ އިތުރުން، އާއްމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ، މަގުމައްޗަކީ އެންމެންގެ ތަނަކަށްވާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ފަރުދީ ޒިންމާ އިސްކުރުން މުހިއްމުކަމަށެވެ.