އަބޫދާބީގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ޑިފެންސް ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ނާއިބު ރައީސް، ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމްގެ ޙާއްޞަ ދަޢުވަތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެޤައުމަށް ކުރަށްވަމުންގެދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ ޔޫއޭއީގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސާއި، އިއްޔެ ބޭއްވި އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްގައި ބައިވެރިވެވަަޑައިގެންފައެވެ.
މިކޮންފަރެންސާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖުރިބާކާރުންނާއެކު ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޝައުގުވެރިވާ ގިނަ ދާއިރާތަކުން ޚިޔާލު ފާޅުކޮށްފައިވާކަމަށެވެ. މި ކޮންފަރެންސަކީ 32 ޤައުމެއްގެ، އެކި ދާއިރާތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކޮންފަރެންސެކެވެ. އަދި މި މަހުގެ 16 އިން 21ހަށް ކުރިއަށްދާ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި، ދިފާޢީ ދާއިރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ އެންމެ ފަހުގެ ވަޞީލަތްތަކާއި އާލާތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ޑިފެންސް މިނިސްޓަރގެ މިދަތުރުފުޅުގައި، ދިވެހި ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތުގައި، ޔޫއޭއީގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ދާއިރާތައް ބެއްލެވުމަށްޓަކައި ބައެއް ފަރާތްތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ޔޫއޭއީއަށް ވަޑައިގެންފައިވާއިރު ދާދިފަހުން އެކަމަނާ ވަނީ އަވަށްޓެރި އިންޑިއާއަށްވަޑައިގެން ދިފާޢީދާއިރާ ކުރިއެރުވުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު މުހިއްމު މަޝްވަރާތަކެއްވެސް ކުރައްވާފައެވެ.