ޚަބަރު

ހައިވޭމަތިން ދިޔަ ކާރެއް ކޮންޓްރޯލްނުވެގޮސް ތޮށިގަނޑުގައިޖެހި ފުނޑުފުނޑުވެއްޖެ


ހުޅުލެއާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭ މަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގޮސް ތޮށިގަޑުގއި ޖެހި ފުނޑު ފުނޑު ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރޭ ދަންވަރު 3:05 ހާއިރު ހިނގި މި ހާދިސާގައި ކާރު ދުއްވަން އިން 24 އަހަރުގެ ޒުވާނާ އާއި އެ ކާރުގައި ދެން އިން 20 އަހަރުގެ ޒުވާނާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެކަކަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނަމަވެސް މި ކާރު ބާރު ސްޕީޑެއްގައި ގޮސް ތޮށިގަނޑުގައި ޖެހުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ހައިވޭގެ އިރުމަތީ ފަރާތުގައި ޖަހާފައި ހުރި ފެންސް ފޫ އަޅުވާލާފައި ގޮސް މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި ކޮންޓްރޯލް ނުވެގެން ގޮސް އެ ސަރަހައްދުގެ ތޮށިގަޑުގައި ކާރު ޖެހިގެންކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ދެ ޒުވާނުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.