ޚަބަރު

ސަރުކާރު ހިންގުން ފަސޭހަކުރުމަށް ރައީސް ޞާލިޙަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ - ޓޫރިޒަމް މިނިސްޓަރ


ރައީސް ޞާލިޙްގެ ސަރުކާރަކީ ގިނަ ބަޔަކު ގުޅިގެން ގެނައި ޤައުމީ ސަރުކާރެއްކަމަށާއި ސަރުކާރު ހިންގުން ފަސޭހަކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ރައީސް ޞާލިޙަށް ދޭންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދުބާއީއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޤައުމު އަނދަވަޅެއްގައި ވަނިކޮށް ދިވެހިރައްޔިތުން ރައީސް ޞާލިޙް ރާއްޖޭގެ ވެރިކަމަށް ގެންނެވީ ވަރަށް ބޮޑު އުންމީދެއްގައިކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރުގައި ފެނިގެންދަނީ ރާއްޖެއަށް ހަމަޖެހުން އަންނަތަންކަމަށާއި، ސަރުކާރުގެ ވުޒާރާތަކުން ޚިދުމަތްދެނީވެސް ވަކި ފިކުރަކަށް ބެލުމެއްނެތި، އެންމެނަށްވެސް ހަމަހަމަކަމާއެކު ކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މިހާރު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ އަލީ ވަޙީދު ވިދާޅުވީ، މިފަސް އަހަރު ރައްޔިތުން ތިބެންވީ ރައީސް ޞާލިޙްގެ ފަހަތްޕުޅުގައިކަމަށެވެ.

"
"ސަރުކާރުގެ ވަޒީރެއްގެ ހައިސިއްޔަތުން، އަދި އިސްލާޙީ މަސައްކަތްތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ފަހަތުގައޭ އަޅުގަނޑުމެން ތިބެންވީ މިފަސްއަހަރު. އަދި ރައީސް ޞާލިޙަށް ސަރުކާރު ހިންގަން ފަސޭހަވާނެހެން އެމަނިކުފާނަށޭ އަޅުގަނޑުމެން އަޤްލަބިއްޔަތު ދޭންވީ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު


މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޚިޔާލުތަފާތުވުންތައް ދުރުކޮށް ޤައުމަށް ހަމަޖެހުން ބޭނުންވާކަމަށާއި، ޤައުމުގެ އިޤްތިސާދު ކޮޅަށްޖެހުމަށް ވަކި ޤައުމަކަށް ބެލުމެއްނެތި ދުނިޔޭގެ އެކިއެކި ޤައުމުތަކާއެކު ގުޅުން ބާއްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭއަކީ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަޤްބޫލު މަންޒިލަށް ހެދުމަށް މަސައްކަތްކުރަމުންދާއިރު ޤައުމުގެ އިޤްތިސާދުގެ %71 ހިއްސާކުރާ ސިނާއަތް ކުރިއެރުވުމަށް ޤައުމުގައި ހަމަޖެހުން އޮތުން މުހިއްމުކަން ޓޫރިޒަމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ވުޒާރާއަށް ކުރެވެމުންދިޔަ ތުހުމަތުތައް ނިމުމަކަށްގެނެސް، ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖޭގެ އިޤްތިސާދަށް ފައިސާ ވެއްދޭތޯ މަސައްކަތްކުރައްވާނެކަމަށް މިނިސްޓްރ އަލީ ވަހީދުވަނީ ވިދާޅުވެފައެވެ.