ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށްފަށްޓަވައިފިއެވެ.
"އެޖެންޑާ ނަވާރަ" މަޖިލިސް ކެމްޕެއިން މިނަމުގައި ފެށި މިކެމްޕެއިންގައި އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރާ 86 ދާއިރާގެ ކެނޑިޑޭޓުންވަނީ ތާޢާރަފްކޮށްފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމް.ޑީ.ޕީގެ ސަރުކާރުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމާއި ހަވާލުވީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންތައްތަކެއް ހާސިލުކޮށްދެއްވުމަށްކަމަށާއި، އެކަންކަން ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބުން މުހިއްމުކަމަށެވެ.
އަދި އެމަނިކުފާނުވަނީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގެތެރެއިން ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ފަންސަވީސް އަހަރުދުވަހުގެ ތަޖުރިބާ ޙިއްސާކުރައްވާފައެވެ. އަދި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.
މިރަސްމިއްޔާތުގައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް އެޕާޓީން ހުށައަޅާ ޤަރާރުވަނީ އިއްވާފައެވެ. މިރަސްމިއްޔާތުގައި އެޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ރަސްމީ ލަވަވެސް ވަނީ ލޯންޗްކޮށްފައެވެ.