ޚަބަރު

ފާރިސް މައްޗަންގޯޅި އުތުރަށް ނާދިރާ ގަލޮޅު ދެކުނަށް


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު ފާރިސް މައުމޫން މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ހާމަކުރައްވައިފިއެވެ.

މައްޗަންގޯޅި އުތުރު ދާއިރާ އަށް ކުރިމަތިލައްވާކަން ފާރިސް ހާމަކުރެއްވީ ޓްވީޓަރ މެދުވެރިކޮށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރާއި ދެކޮޅަށް ހިންގެވި އިދިކޮޅު ޙަރަކާތުގެ އެންމެއިސް އެއްބޭފުޅަކީ ރައީސްޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފާރިސް ހައްޔަރުކޮށް އަހަރަކަށްވުރެ ގިނަދުވަހު އޭނާ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓިއެވެ. އަދި އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދަޢުވާއާ ޝަޙްސު އޮޅުވާލިކަމުގެ ދަޢުވާކުރިއެވެ. ނަމަވެސް އެ ދެ ދަޢުވާވެސް މިހާރު ޕީޖީން ވަނީ އަނބުރާ ފުލުހުންނަށް ފޮނުވާލައިފައެވެ.

ފާރިސްގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވަމު ގެންދަވާ އާމިނަތު ނާދިރާވެސް ވަނީ އޭނާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅުދެކުނު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން ހަމާކުރައްވާފައެވެ.

މިކަން ހާމަކުރައްވަމުން ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ހުންނަވާނީ ގަލޮޅުދެކުނުގެ ރައްޔިތުންނާއެކުކަމަށާ އެދާއިރާގެ ރައްޔިތުންގެ އަޑު އޭނާ އަޑުއަހާނެ ކަމަށެވެ. ނާދިރާއަކީވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމަސައްކަތްތަކުގެ ސަބަބުން އޭނާވެސް ހައްޔަރުކޮށް ޖަލަށްލާފައިވެއެވެ.

ރައީސް މައުމޫންގެ ތާއީދާ އެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 81 ދާއިރާ އަށް ވާދަކުރުމަށް 108 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްއާރުއެމް އިން ހާމަކުރައްވާފައިވެއެވެ.