ޚަބަރު

ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ކޯލިޝަން ހަދައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީ.ޕީ.އެމް އާއި އަލަށް އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީޕީއެމުން ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް ކޯލިޝަން ހަދައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ނަމުގައި އުފެއްދި ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އަދި ޕީ.އެންސީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲއެވެ.
ޕީޕީއެމްއާއި، ރައީސް ޔާމީންގެ ސިޔާސަތުތައް ކުރިއަރުވުމަށް އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި އާޕާޓީ ކޮންގްރެސް ޕާޓީން ގުޅިގެން މަސައްކަތްކުރުމަށް ކޯލިޝަން ހެއްދެވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ޕީއެންސީ އާއި ޕީޕީއެމްއާ ދެމެދު ވެވުނު އެއްބަސްވުމަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ސިޔާސީ ދެޕާޓީއެއްގެ މެދުގައި ވެވުނު އެންމެ ވަރުގަދަ އެއްބަސްވުންކަމަށް ވެގެންދާނެކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ވާދަކުރާނެ 10 ކެނޑިޑޭޓެއްގެ ނަން މިރަސްމިއްޔާތުގައި އިޢުލާންކޮށްފައިވާއިރު ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެދެޕާޓީގެ ފަރާތުންކަމަށްބުނެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ހަރަކާތްތަކެއް ހިންގަމުންދާކަމަށާ، ކޯލިޝަންގައި ހިމެނޭ ދެޕާޓީން ޓިކެޓު ދީފައިނުވާ ފަރާތަކުން ކޯލިޝަންގެ ނަމުގައި މަސައްކަތްނުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ހަވާލުކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމާރާއި، ކުރީގެ އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ހިމެނިވަޑައިގަންނަވައެވެ.

މިއާއެކު އެދެޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓްދިން ކެނޑިޑޭޓުންގެ އަދަދުވަނީ 63 އަރާފައެވެ. ޕްރޮގްރެސިވް ކޮންގްރެސުން ބުނީ އެދެޕާޓީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން ޕްރައިމަރީއަކުން ކެނޑިޑޭޓުން ކަނޑައަޅާނެ ދާއިރާތަކާއި، ކެނޑިޑޭޓުންގެ ނަން މާދަމާ އިޢުލާނު ކުރާނެކަމަށެވެ.