އެބޫދޫ ފިނޮޅު ތާޖް އެކްސޮޓިކާ ރިސޯޓް އެންޑް ސްޕަރ މޯލްޑިވްސްގެ މޫދު ކޮޓަރިތަކެއް ރޯވެ އަނދައިފިއެވެ. ރޭ ފަތިހު ހިނގި މި ހާދިސާގައި އެ ރިސޯޓްގެ ފަސް މޫދު ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
ރޭ ފަތިހު 04:48 ކަންހާއިރު ރޯވި އަލިފާނގަޑު ކޮންޓްރޯލްކުރެވިފައިވަނީ ގާތްގަޑަކަށް ގަޑިއިރެއްހާއިރު ފަހުންކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ބުނެއެވެ. އަލިފާނުގެ ހާދިސާ ފުރަތަމަ ހިނގީ ފަތުރުވެރިން ތިބި ކޮޓަރިއެއްގައި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކުރީ އެމްއެންޑީއެފްގެ ފަޔަރ ޓީމާއި އެނބޫދޫ ރިސޯޓްގެ ފަޔަރ ޓީމް ގުޅިގެން ކުރި މަސައްކަތުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިމަހުގެ 2 ވަނަދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ލަންކަން ގިލި ރިސޯޓްގެ މޫދު ކޮޓަރިތަކެއްގައި ވަނީ ރޯވެ އަނދާ އަޅިއަށް ވެފައެވެ. އެ ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ރިސޯޓްގެ ހަތް ކޮޓަރިއާއި މައި ރެސްޓޯރަންޓާއި ބަދިގެވެސް ވަނީ އެއްކޮށް އަނދާފައެވެ. މީގެ އިތުރުން މިމަހުގެ 12 ވަނަދުވަހު ވަނީ ރީތި ބީޗް ރިސޯޓްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. ރީތި ބީޗްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓްގެ އިންޖީނުގެ ހުންނަ އިމާރާތުގެ ތެރޭގައި ހުންނަ ދެ ގުދަނެއް ވަނީ އަނދާފައެވެ.
މި އަހަރުގެ މިހާތަނަށް ގިނަ ފަތުރުވެރިންތަކެއް މަރުވެ ދެ ރިސޯޓެއްގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައެވެ. މި ފަދަ ހާފިސާތައް ތަކުރާރުވިޔަ ނުދިނުމަށް ރިސޯޓްތަކުގައި ދޭ ހިދުމަތްތައް އަލުން އިންސްޕެކްޓްކުރުމުގެ މަސައްކަތް ޓްއަރިޒަމް މިނިސްޓްރީން ވަނީ ފަށާފައެވެ. ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅާފައިވީނަމަވެސް އެކަންކަން ރަގަޅަށް ބަލާ މީގެކުރިން މޮނީޓަރކޮށްފައި ނުވާކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަހާއި އަށްމަސްސދުވަހުގެ ތެރޭގައި ހުރިހާ ރިސޯޓެއް އިންސްޕެކްޓްކޮށް ނިންމާނެކަމަށްވެސް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.