ވިޔަފާރި

މިފަހަރުގެ ޓީޓީއެމް ފެއަރގެ ސަމިޓް ޚާއްސަ ކުރަނީ ދަތުރުފަތުރުގެ ޓެކްނޮލޮޖީއަށް


މިއަހަރުގެ ޓީޓީއެމް ފެއަރ ސަމިޓް ޚާއްސަ ކުރާނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށްކަމަށް ގެޓަވޭސްއިން ބުނެފިއެވެ.

އޭޕްރިލްމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓީޓީއެމް ފެއަރ އާއިބެހޭގޮތުން މޯލްޑިވްސް ގެޓަވޭސްއިން ބުނީ، ޓީޓީއެމް ސަމިޓުގައި ދަތުރުފަތުރުގެ ދާއިރާގައި ބޭނުން ކުރާ އައު އީޖާތުތަކާއި ގުޅޭ ގޮތުން މި ސަމިޓްގައި ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން މި ދާއިރާ ކުރި އެރުވުމަށް ބޭނުންވާ ޑިޖިޓަލް ދިރާސާތަކާއި ތަފާސްހިސާބުތަކުގެ މައްޗަށް މި ސަމިޓްގައި އަލި އަޅުވާލާނެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ މާކެޓްގެ ޙާލަތާއި ގުޅޭ ގޮތަށް ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުމާއި، އާރޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ސިކުނޑި ބޭނުން ކޮށްގެން ކަސްޓަމަރުން އިތުރުކޮށް ނަފާ ހޯދިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ގެޓަވޭސްއިން ބުނެއެވެ.

މި އަހަރުގެ ޓީޓީއެމް ސަމިޓްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި މާރކެޓިންގ އެނެލެޓިކްސް،ޓްރެވަލް ޓެކްނޮލޮޖީގެ އިތުރުން ރެވެނިއު މެނޭޖްމަންޓާއި ޕޭމަންޓް ޓްރާންސެކްޝަން ހިމެނެއެވެ.

ޓީޓީއެމް ފެއަރއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިވެންޓެކެވެ. ޓީޓީއެމް ސަމިޓްގެ އިތުރުން މި ފެއަރގެ ތެރެއިން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މިއަހަރުގެ އަމާޒަކީ ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން މި އިވެންޓްގައި ބައިވެރިވުން ކަމަށް މޯލްޑިވްސް ގެޓްއަވޭސްއިން ބުނެއެވެ. މިދިޔަ އަހަރުގެ ޓީޓީއެމް ފެއަރގައި 200 ޓުއަރ އޮޕަރޭޓަރުންވަނީ ބައިވެރި ވެފައެވެ.