ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ މިއަދު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މިޕާޓީ އުފެއްދުމުގެ ހުއްދައަށް ޕީޕީއެމްގެ ނާއިބުރައީސްގެ ގޮތުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެދިވަޑައިގަތުމުން އިލެކްޝަންސް ކޮމިޝަނުންވަނީ ފުރަތަމަ އެހުއްދަ ނުދޭން ނިންމާފައެވެ. އެކޮމިޝަނުން ބުނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުރި މީހަކަށް ވަކި އާޕާޓީއެއް ރަޖިސްޓަރ ކުރަން ޤާނޫނީގޮތުން ހުށަނޭޅޭނެ ކަމަށާ، ޕީއެންސީ އުފައްދަން ހުއްދަނުދިނީ އެހެންވެގެންކަމަށެވެ.
އެއާއެކު ޕީޕީއެމްގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ އެޕާޓިން ވަކިވެވަޑައިގެން "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" އުފެއްދުމަށް އަލުން ހުށަހަޅުއްވާފައެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގެ 21 ވަނަ މާއްދަގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައަޅާ މީހަކީ އެއްވެސް ޕާޓީއެއްގެ މެންބަރަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން އައު ސިޔާސީ ޕާޓިއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ، ޕީޕީއެމް ހިންގުން އަލުން ކުރީގެ ރައީސް މައުމޫނާ ހަވާލުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ޙަވާލުކުރީ، އެޕާޓީގެ ރައީސަކަށް ކުރީގެ ރައީސް މައުމޫން ހުންނަވަނިކޮށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކުންނެވެ. ފަހުން ރައީސް މައުމޫން ވަނީ އެޕާޓީގެ މެންބަރުކަމުން ވަކިކޮށްފައެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ޕީޕީއެމުން ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްއެއްގައި އެޕާޓީގެ ރައީސަކަށް ރައީސް ޔާމީންވަނީ އިންތިޚާބުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނަމަވެސް ޕީޕީއެމުން ބޭއްވި ކޮންގްރެސް ޞައްޙަކަމަށް ހައިކޯޓުން ޙުކުމް ކުރުމާގުޅިގެން، ރައީސް ޔާމީނަކީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ. އަދި ޕީޕީއެމްގެ ކޮންގްރެސް މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓް މަރުޙަލާގައެވެ.
ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނާ ހަވާލުކުރުމަށް ހުށަހެޅި މައްސަލައާއި، ޕީޕީއެމްގެ ކޮންގްރެސް މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީ އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅޭކަން ކުރީގެ ރައީސް ޔާމީން ވަނީ އިޢުލާންކުރައްވާފައެވެ.