ޚަބަރު

ސުނަމީ ކާރިސާއިން އިބްރަތް ލިބިގަނެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ހޯމް މިނިސްޓަރ ގޮވާލައްވައިފި


ސުނާމީ ކާރިސާއިން އިބްރަތް ލިބިގަނެ ދިވެހިގެން އެއްބައިވަންތަކަމާއި ކުލުނާއި ގާތްކަން ދެމެހެއްޓުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ދުވާފަރަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ދިވެހިންގެ މެދުގައި މިއޮތް އެއްބައިވަންތަކަން އަބަދުވެސް ދަމަހައްޓަންޖެހޭކަމަށެވެ. އަދި ދިވެހިން ދިވެހިންގެ ގޮތުގައި ތިބީ ދިވެހިންގެ މެދުގައި އޮތް ކުލުނާއި ލޯބީގެ ސަބަބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހިން ދިވެހިންގެ ގޮތުގައި މި ތިބެނީ ދިވެހިންގެ އެއްބައިވަންތަކަމާ ހުރެ، ދިވެހިންގެ އެކުވެރިކަމާއި އޯގާތެރިކަމާއި، ދިވެހިންގެ މެދުގައި ސުލްހަވެރިކަމާއި ދިވެހިންގެ ރަހުމަތްތެރިކަން އެއީ ދިވެހިންނަށް ލިބޭ އެންމެ ބޮޑު ނިއުމަތް" މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރުގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިޖަލްސާގައި އެމަނިކުފާނު ވާހަކަފުޅުދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ދުވާފަރުގައި ޖަލްސާ ބޭއްވުމަށް ނިންމީ އެރަށު ރައްޔިތުންގެ ފަރާތުން ފެނިގެންދާ އެއްބައިވަންތަކުމުން ދިވެހިން ނަމޫނާ ލިބިގަތުމަށްކަމަށެވެ.

"މި ރަށުގައި މި ހިނގާ އިޖްތިމާޢި ހަރަކާތްތަކާއި ރައްޔިތުންގެ އެކުވެރިކަމާއި، އެކަމުގެ ތެރެއިން އިބްރަތް ލިބިގަނެ އަޅުގަނޑުމެންގެ ހުރިހާ ދިވެހިންނަކީވެސް އެއްބައިވަންތަ އެކުވެރި ބަޔަކަށް ވުމަށް، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރާއްޖެއަށް މިއަދު މި މެސެޖް ފޯރުކޮށްދިނުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިޖަލްސާގައި ސުނާމީ ކާރިޘާއާ ގުޅިގެން ދުވާފަރު ރައްޔިތުން ހާލުގައި ޖެހުނުއިރު އެހީތެރިކަންފޯރުކޮށްދިން ރަށްރަށަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ފިލާ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި، ދުވަހެއް ފާހަގަކުރަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ސުނާމީ ކާރިސާގައި ދިވެހިރާއްޖެއިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު ފަނަރަ ހާހަށްވުރެ މައްޗައް އަރައެވެ.