ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރެއިން ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ 12 ވަޢުދުގެ ތެރެއިން ފަސް ވަޢުދެއް ފުރިހަމަ ވެއްޖެކަމަށް އެއޮފީހުން ހާމަކުރައްވައިފިއެވެ.
އޭގެތެރޭގައި ހިމެނޭ އެއްކަމަކީ ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށުމެވެ. މިއީ ހަތް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ކަނޑައަޅުއްވާފައިވާ ވަޢުދެކެވެ.
ދެވަނަ ކަމަކަށް ބަންޑާރަނައިބުގެ އޮފީހުން ފުރިހަމަކުރައްވާފައިވަނީ ދިވެހި ދައުލަތް ދަރަނިވެރިވެ، ޤައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުމުގެ މަސައްކަތެވެ. މިއީވެސް ޖުމުލަ ހަތް ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަނޑައަޅުއްވާފައިވާ ވަޢުދެކެވެ.
ތިންވަނަކމަށް ފުރިހަމަ ކުރައްވާފައިވާ ކަމެއްގެގޮތުގައި އެއޮފީހުން ހާމަކުރައްވާފައިވަނީ، ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ބަދަލުގެނައުމުގެ މަސައްކަތެވެ. މިއީ ތިރީސް ދުވަހުގެތެރޭގައި ފުރިހަމަ ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދެކެވެ.
ހަތަރުވަނަކަމަށް، ވިސްލް ބޮލޮވަރ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުއްވުމުގެ ވަޢުދުވެސް މިހާރު ފުރިހަމަ ކުރެވިފައިވާކަން އެއޮފީހުންވަނީ ހާމަކުރައްވާފައެވެ. މިއީ 60 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދެކެވެ.
ފަސްވަނަކެމެއްގެގޮތުގައި ނުޙައްޤު މުއްސަނދިވުން ހުއްޓުވުމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ވަޢުދުވެސް މިހާރު ފުރިހަމަކުރެވިފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ހާމަކުރައްވައެވެ. މިއީ ފަސްދޮޅަސް ދުވަހުގެތެރޭގައި ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދެކެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މިވަޢުދުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ޤާނޫނުތަކާއި ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް ފާހަގަކުރައްވައި، ކަމާގުޅޭ ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ނިންމެވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އަދި ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ފުރިހަމަކުރެއްވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައި، އެގޮތުން ކުރަންޖެހޭ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަކުރައްވާފައިކަމަށްވެސް އެއޮފީހުން ހާމަކުރައްވައެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙުގެންނަންޖެހޭ 11 ޤާނޫނެއް މިހާތަނަށް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 10 ބިލެއްގެ ދެލިކޮޕީ މިހާރު ވަނީ އެކުލަވާލައި ނިމި، ބައެއް ބިލު ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާ ނިމިފައިކަމަށް އެއޮފީހުން ހާމަކުރައްވައެވެ. އަދި މުޅިން އަލަށް އެކުލަވާލަންޖެހޭ 5 ޤާނޫނަކާ ގުޅޭ ބިލު އެކުލަވާލަން އޮތްއިރު، އޭގެ ތެރެއިން 1 ބިލުގެ މަސައްކަތް މިހާރުވެސްވަނީ މަސައްކަތް ނިމި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ. މީގެ އިތުރުން، 2 ބިލެއް އެކުލަވާލުމުގެ ފަހު މަރުޙަލާގައިވާއިރު، ދެން އޮތް ދެ ބިލު އެކުލަވާލުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައިކަމަށް އެއޮފީހުން ބުނެއެވެ.