ޚަބަރު

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކޮށްފައިވާ މިންވަރު އިތުރުވެއްޖެ


އޮގަސްޓުމަހާއި އަޅާބަލާއިރު ނިމިދިޔަ ސެޕްޓެމްބަރުމަހު ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޮގަސްޓުމަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ވުރެ މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތައް ގިނަކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިދިޔަ އޮގަސްޓުމަހު ކުޑަކުދިންނާއި ގުޅޭ 112 މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު ސެޕްޓެމްބަރުގެ ނިޔަލަށް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 159 މައްސަލައެވެ. މިއީ 30 އިންސައްތައިގެ އިތުރުވުމެއްކަމަށް ފާހަގަކޮށްލެވެއެވެ.

އޮގަސްޓުމަހާއި ސެޕްޓެމްބަރުމަހު ހުށަހަޅާފައިވާ ކުޑަކުދިންނާއި ބެހޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމުގެ 89 މައްސަލަ އޮގަސްޓްމަހު ހުށަހަޅާފައިވާއިރު ސެޕްޓެމްބަރުމަހު 110 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅިގެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމާއި ޖިންސީ ގޯނާކުރުމާއި އަދި ނަފްސާނީ ހާނިކާގެ މައްސަލައެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިދިޔަމަހު ހުށަހަޅާފައިވާ ހުރިހާ މައްސަލައެއް މިނިސްޓްރީން ބަލާ ނިންމާފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރެވެމުންދާ މިންވަރު ދުވަހުން ދުވަހަށް އިތުރު ވަނީ މިފަދަ ކަންކަމަށް މީހުން ހޭލުންތެރިވުމުގެ ސަބަބުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.