ޚަބަރު

ސްޕްރީމް ކޯޓުން ނިންމަވާ ކޮންމެ ނިންމެވުމަކަށް އިޙުތިރާމު ކުރާނަން - ޕީޕީއެމް


ރިޔާސީ އިންތިޚާބު ބާޠިލުކުރުމަށް ހުށައެޅި މައްސަލާގައި ސްޕްރީމް ކޯޓުން ނިންމަވާ ކޮންމެ ނިންމެވުމަކަށް އިޙުތިރާމު ކުރާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބު ބާޠިލުކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މިމައްސަލައިގަ ދެން އޮންނާނީ ހުކުމް އިއްވެވުމެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ޢަލީ އާރިފް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވުމަށްފަހުވެސް އިންތިޚާބާއިގުޅޭ މައްސަލަ ރައީސް ޔާމީނުގެ ފަރާތުން ކޯޓަށް ހުށައެޅީ ރައްޔިތުންގެ ފަރާތުން ރައީސް ޔާމީނާއި ހަމައަށް އައި ކަންބޮޑުވުންތަކާއި، ޝަކުވާތަކުގެ ސަބަބުންކަމަށެވެ. ޕީޕީއެމްގެ ކެނޑިޑޭޓު އެންމެ ބޮޑަށް ބޭނުންވަނީ އިންތިޚާބުގައި މައްސަލަ އުޅޭކަން ނުވަތަ ނޫންކަން ޔަޤީންކުރުކުންކަން ފާހަގަކުރައްވަމުން ޢަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ އާރު ހުރި މައްސަލައެއްކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ކެނޑިޑޭޓުގެ ފަރާތުން އެދުނުގޮތަށް މައްސަލަ ނިމޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކޮންމެ ގޮތަކަށް ސުޕްރީމް ކޯޓުން ނިންމެވި ނަމަވެސް އެނިންމެވުމަށް އިހްތިރާމް ކުރާނެކަމަށް ޢަލީ އާރިފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ކެނޑިޑޭޓުގެ ފަރާތުން ހުށައެޅިގޮތަށް މައްސަލަ ނިމި އައު އިންތިޚާބެއް ބާއްވާނަމަ ކުރިއެކޭވެސް އެއްގޮތަށް ރައްޔިތުން ގާތައްގޮސް އަދުގެ ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމުތަރައްޤީކޮށް ކުރިއެރުވުމަށް ކުރާނެ ކަންކަން ކިޔައިދެއްވާނެކަމަށެވެ.

އިންތިޚާބު ބާޠިލްކުރުމަށްއެދި ސުޕްރީމް ކޯޓަށް ހުށެހެޅި މައްސަލައިގެ ހުކުމު އިއްވާނެ ވަކި ތާރީޚެއް އަދި އަންގާފައެއް ނުވެއެވެ.