ޚަބަރު

ނަފްސާނީގޮތުން ޕީޕީއެމްގެ މެމްބަރުން ބަލިކަށިކުރަން ހިންގާ ޢަމަލުތައް ކުށްވެރިކުރަން - ޕީޕީއެމް


ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކާއި އެފަރާތްތަކުގެ އައިލާތަކުގެ އަބުރު ކަތިލުމަށް ބައެއް ފަރާތްތަކުން ހިންގަމުންގެންދާ ދަށު ދަރަޖައިގެ ޢަމަލްތައް ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހު ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އެޕާޓީގެ މެމްބަރުންނާއި އެމީހުންގެ ޢާއިލާތަކާދިމާކޮށް މަލާމާތްކުރުމާއި ފުރައްސާރަ ކުރުންފަދަ ކަންކަން އިތުރުވެފައިވާ ކަމަށެވެ. މަދު ބަޔަކު ނުކުމެ އެ ފަރާތްތަކުގެ އަބުރު ކަތިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ސިޔާސީ ގޮތުން ރާއްޖޭގައި ވަރަށްގިނަ ކަންތައްތަކެއް ހިނގަމުންދާ ދުވަސްވަރެއްގައި ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތައް ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށްޓަކައި އެމީހުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް ސޯޝަލްމީޑިއާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެފަރާތްތަކުގެ ދަރިންނާއި އާއިލާގެ މެމްބަރުންނަށް ފުރައްސާރަކުރުންފަދަ ނޭދެވޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހިރާއްޖެއަކީ އަވަށްޓެރި ޤައުމުތަކާއި އަޅާބަލާއިރު ތަޢުލީމީ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަދި ކުރިއަރަމުން އަންނަ ޤައުމަކަށްވީހިނދު، މިފަދަ ނާތަހުޒީބީ ޢަމަލުތަކަކީ މިގަރުނަށް ފެތޭ ކަންކަމެއްނޫންކަމަށާ އަދި މިއީ ތަހުޒީބީ މުޖުތަމައެއްގައި ދިރިއުޅޭ އެއްވެސް ރައްޔިތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ނާތަހުޒީބު ޢަމަލްތަކުން އެއްކިބާވެ، ޑިމޮކްރަސީގެ ހަމަތަކުގެމަތިން، ސިޔާސީ ޙަރަކާތްތައް ހިންގުމަށާއި އެފަދަ މާޙައުލެއް ޤާއިމްކުރުމަށް ޕީޕީއެމްއިންވަނީ ގޮވާލާފައެވެ.