ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލްގައި އެމްއާރްއައިގެ ޚިދުމަތް އިފްތިތާޙުކޮށްފި


ހުޅުމާލޭ ހޮސްޕިޓަލްގައި އެމްއާރްއައި މެޝިނެއް ބަހައްޓައި ޚިދުމަތް އިފްތިތާޙުކޮށްފިއެވެ.
މިމެޝިން ބެހެއްޓުމާއެކު ހޮނިހިރު ދުވަހުންފެށިގެން ރަސްމީކޮށް އެހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ދޭން ފަށާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އެހޮސްޕިޓަލުގައި މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓރަ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
މިޚިދުމަތުގެ ސަބަބުން ކެންސަރާއި، ނާރުގެ ބަލިތަކާއި ސިކުނޑީގެ ބަލިތައްފަދަ ބޮޑެތި ބަލިތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓްތައް ހެދޭނެއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އައިޖީއެމްއެޗާ އެއްފެންވަރަކަށް ހުޅުމާލެ ހޮސްޕިޓަލުންވެސް ޓެސްޓްކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.

މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ކުޅުދުއްފުށި ހޮސްޕިޓަލުގެ އިތުރުން އައްޑު ޓާރޝަރީ ހޮސްޕިޓަލުގައިވެސް ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ހޮސްޕިޓާލުގައި އެމްއަރުއައިގެ ޚިދުމަތް އިފްތިތާޙުކޮށްފައިވާއިރު، އާސަންދައިގެ ދަށުން މިޚިދުމަތް ހޯދޭނެކަމަށް އެހޮސްޕޮޓަލުން ބުނެއެވެ. ހުޅުމާލެގެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުން ފާހަގަކޮށްލެވެއެވެ.