ޚަބަރު

ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އިތުރު ފުރުސަތެއް





 


ގަވާއިދާ ހިލާފަށް މިހާރު މަސައްކަތް ކުރާ ބިދޭސީން، ޤަވާއިދުގެ ތެރެއަށް ފެއްތުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާކަމަށާ، މިއަހަރު ނިމެންވާއިރަށް ބިދޭސީންގެ މައްސަލާގައި ބޮޑު ބަދަލެއް ފެނިގެންދާނެކަމަށް ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.


 
ޑިފެންސް މިނިސްޓަރ ނާޒިމް ވިދާޅުވީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެތުމަށް ދިނުމަށް ނިންމާފައިވާ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ.


 
ބިދޭސީން ގެނައުމާ ގުޅޭ ގޮތުން ހަރުދަނާ ގަވާއިދުތަކެއް މިހާރު ހެދިފައިވާކަމަށާއި، އެބަދަލުތަކާ އެކު ވަރަށް އަވަހަށް އެޤަވާއިދު ގެޒެޓްކުރާނެކަމަށެވެ.


މީގެ އިތުރުންވެސް ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބިދޭސީން ރާއްޖެ ގެނައުމުގައި އެހާ ފަސޭހައެއް ނުވާނެކަމަށެވެ.


 
ސަރުކާރުގެ އަމާޒަކީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް 95 ހާސް ވަޒީފާ އުފެއްދުންކަމަށާ،


އަދި ވަޒީފާ އުފެއްދޭނީ ބިދޭސީން ގެންނަ އަދަދު މަދުކޮށްގެން ކަމަށާއި، ހަމައެއާ އެކު  ޒުވާނުން ވަޒީފާއަށް ނުކުންނަށްވެސް އެބަޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


 


އާ ޤަވާއިދުގައިވާ ގޮތުން ބަދަލު ގެންނަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މަސައްކަތު މީހުންގެ ގޮތުގައި ގެންނަ ބިދޭސީންނާއި، ޑްރައިވަރުންގެ ގޮތުގައި ރާއްޖެ ގެންނަ ބިދޭސީންނާ، ފަހާ މީހުންގެ ގޮތުގައި ރާއްޖެ ގެންނަ ބިދޭސީންގެ އިތުރުން ވެއިޓަރުންގެ ގޮތުގައި ރާއްޖެ ގެންނަ ބިދޭސީން ހިމެނޭކަމަށް ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވިއެވެ.