ޚަބަރު

ޕީޕީއެމް އޭސީއާރްއީގެ މެމްބަރަކަށް


ޔޫރަޕްގެ އިއްތިޙާދުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާއެއްކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) ގެ މެމްބަރުކަން ރާއްޖޭގެ ވެރިކަންކުރާ ޕާޓީ ޕީޕީއެމަށް ލިބިއްޖެއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލު އަޒަރުބައިޖާނުގައި ހުންނަވައި ކުރެއްވި ޓްވިޓެއްގައިވަނީ އޭސީއާރްއީގެ މެމްބަރުކަން ޕީޕީއެމަށް ރަސްމީކޮށް ލިބިފައިވާކަމަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކަށް ނިސްބަތްވާ 24 މެމްބަރުންގެ ހިމެނޭ، އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ)އަކީ ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ އެއްބައިވަންތަކަމާއި، އިޤްތިޞާދީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމާޢަތެކެވެ.

މިޖަމާޢަތް އުފެދިފައިވަނީ 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައެވެ. ޔޫރަޕިއަން ޕާލިމެންޓުން މިޖަމާޢަތް ބަލައިގަތީ 2010 ވަނަ އަހަރުއެވެ. މި ޖަމާޢަތުގައި ހިމެނޭ މެމްބަރުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީ އާއި އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ ވެސް ހިމެނެއެވެ.