ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ބައައެއް މަޤާމުތަކަށް ބަދަލު ގެންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ބަދަލު ގެންނަވާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށާއި މިނިސްޓްރީ އޮފް ހެލްތްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ މާފަންނު ޒިޔާރަތްދޮށުގެ އަޙްމަދު ޙާފިޡްއެވެ. އަޙްމަދު ޙާފިޡް ކުރިން ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބުގެ މަޤާމުގައެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ ފ.ނިލަންދޫ، ފިނިފެންމާގެ ޢަބްދުލްމުޙްސިން ޙަމީދުއެވެ. ޢަބްދުލްމުޙްސިން ޙަމީދު މިހާތަނަށް ހުންނެވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިނިސްޓަރުގެ ނައިބުގެ މަޤާމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ހެލްތްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް، އައްޔަން ކުރައްވާފައިވަނީ މއ.އަނދުންކޮށީގެ ޙަސަން ރަޝީދުއެވެ. ޙަސަން ރަޝީދު ކުރިން ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމުގައެވެ.