ލައިފް ސްޓައިލް

އެންމެ ގިނަ ވަގުތު ރޯދައަށް ތިބެނީ ކޮން ޤައުމެއްގައި؟


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ރޯދަމަހުގެ ދުވަސްތައް ގުނަމުންދާއިރު، އެކި ޤައުމުތަކުގައި ރޯދައަށް ހުންނަންޖެހޭ ވަގުތުތައް ވަރަށް ބޮޑަށް ތަފާތެވެ. ބައެއް ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ވިއްސަކަށް ގަޑިއިރު ރޯދައަށް ހުންނަންޖެހޭއިރު، ބައެއް ހިސާބުތަކުގައި އުޅޭ މީހުން ރޯދައަށް ހުންނަންޖެހެނީ ދިހަވަރަކަށް ގަޑިއިރެވެ. މިއީ ބައެއް ޤައުމުތަކަށް އިރުއަރާއިރު އަވަސްވެފައި، އިރުއޮއްސޭއިރު ލަސްވުމުން ދިމާވާކަމެކެވެ. އެހެންކަމުން މިހިނގާ ރޯދަމަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ ތެރެއިން އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހޭ ޤައުމުތަކާއި އެންމެ ކުޑަވަގުތުކޮޅަކަށް ރޯދައަށް ތިބެންޖެހޭ ޤައުމުތަކަށް ބަލާލާނަމެވެ.

އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހެނީ މައިގަނޑު ގޮތެއްގައި ޔޫރަޕްގެ ޤައުމުތަކުގައި އުޅޭ މުސްލިމުންނެވެ. މިގޮތުން ޔޫރަޕްގެ އެންމެ އުތުރުން އޮންނަ އައިސްލޭންޑް، ސްވިޑަން އަދި ނޯވޭގައި އުޅޭ މުސްލިމުން 20 ގަޑިއިރު ރޯދައަށް ތިބެންޖެހެއެވެ. މިދިޔަ އަހަރު 21 ގަޑިއިރު ރޯދައަށް ތިބެންޖެހުނު ޑެންމާކުގެ ރައްޔިތުން މިއަހަރު ރޯދައަށް ތިބެންޖެހެނީ 19 ގަޑިއިރެވެ. ނެދަރލެންޑްސް، ބެލްޖިއަމް އަދި ޖަރުމަންވިލާތުގައި އުޅޭ މުސްލިމުން ރޯދައަށް ހުންނާނީ 18 ގަޑިއިރެވެ. ސްޕެއިންގައި 17 ގަޑިއިރު ރޯދައަށް ހުންނަންޖެހެއެވެ.
އެފްރިކާ އަދި މެދުއިރުމަތީގެ ޤައުމުތަކަށް ބަލާލާއިރު، ކުވެއިތު، އިރާޤު، ސަޢުދީ އަރަބިއްޔާ އަދި ޢުރުދުންގައި ރޯދަ ހިފާނީ 15 ގަޑިއިރެވެ. މޮރޮކޯ، އަލްޖީރިއާ، ޓިއުނީޝިއާ އަދި ލީބިޔާގައި ރޯދައަށް ތިބޭނީ 16 ގަޑިއިރެވެ. ސޫދާންގައި އުޅޭ މުސްލިމުން ރޯދަ ހިފާނީ 13 ގަޑިއިރެވެ.

ދިވެހިރާއްޖެ ހިމެނޭ އޭޝިޔާ ސަރަޙައްދަށް ބަލާލާއިރު، މިސަރަޙައްދުގެ ޤައުމުތަކުގެ މުސްލިމުން ރޯދައަށް ތިބޭނީ އެވްރެޖް ގޮތެއްގައި 14 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ވަގުތެކެވެ. ރާއްޖޭގައި 14 ގަޑިއިރެއްހާއިރު ރޯދައަށް ހުންނައިރު، ޕާކިސްތާނު އަދި ބަންގްލަދޭޝްގައިވެސް ރޯދައަށް ތިބެނީ 14 ގަޑިއިރަށެވެ. އިންޑިއާގައި 15 ގަޑިއިރު ރޯދައަށް ހުންނަންޖެހެއެވެ.
އެމެރިކާ ބައްރަށް ބަލާލާއިރު، ޔޫއެސްއޭ އަދި ކެނެޑާގައި 16 ގަޑިއިރާއި 19 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ރޯދައަށް ހުންނަންޖެހެއެވެ. ބްރެޒިލްގައި 12 ގަޑިއިރު ރޯދައަށް ހުންނަންޖެހޭއިރު، އަރޖެންޓީނާގައި ރޯދައަށް ހުންނަންޖެހެނީ 11 ގަޑިއިރާއި 50 މިނެޓަށެވެ.
އެހެންކަމުން އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހެނީ 20 ގަޑިއިރު ރޯދައަށް ތިބޭ އައިސްލޭންޑް، ސްވިޑެން އަދި ނޯވޭ މުސްލިމުންނެވެ. އަދި އެންމެ ކުޑަވަގުތުކޮޅަކު ރޯދައަށް ތިބެނީ 11 ގަޑިއިރާއި 50 މިނެޓެއްހާއިރަށް ރޯދަ ހިފާ އާރޖެންޓީނާގެ މުސްލިމުންނެވެ.