ޚަބަރު

އައްޑޫ ސިޓީގައި އަރތް އަވަރ ފާހަގަ ކުރުމަށް ދުވުމެއް ބާއްވައިފި


ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން 'ކްލީން އަޕް ރަން' ގެ ނަމުގައި އަރތް އަވަރ އާއި ގުޅުވައިގެން އައްޑޫ ސިޓީގައި ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އައްޑޫ ސިޓީގައި އަރތް އަވަރގެ ޙަރަކާތްތައް ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ މަޤްޞަދަކީ ތިމާ އުޅޭ ވެށި ސާފު ކޮށް ބެލެހެއްޓުމާއެކު ސިއްޙަތަށް ފައިދާ ވާ ކަހަލަ ކަމެއް ކުރުން ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެއެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިންނާއި އާންމުން ބައިވެރިވި މި ހަރަކާތުގެ ބައިވެރިން ވަނީ ހިތަދޫ ސްކޫލު ކައިރިން ފެށިގެން ހިތަދޫ ބޮޑު މަގު ހުރަސް ކޮށް ކުނި ހޮވަމުން މަޑު ދުވުމެއްގައި ދުވެފައެވެ. މި ދުވުމުގެ ބައިވެރިން ވަނީ ހިތަދޫ ބޮޑު މަގުގައި ބަހައްޓާފައި ހުރި ގަސް ވަށިތައް ސާފު ކޮށް މަގުގެ އަރިމައްޗާއި މަގުގެ އެކި ހިސާބުތަކުގައި ހުރި ކުނި ނަގާ ސާފުކޮށްފައެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ޕްލޮގިންގް' ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ. މި ޙަރަކާތަކީ އަރތް އަވަރ ފާހަގަ ކުރުމަށް އައްޑޫ ސިޓީގައި ކުރިއަށްގެންދާ ހަރަކާތަތްކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.