ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ މަސްދޯނި ފެނިއްޖެ


ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މަސްދޯނި ފެނިއްޖެއެވެ. 

"ކޮންކޯޑު" ނަމަކަށްކިޔާ މި މަސްދޯނީގައި 25 ދިވެހިން ތިބިއިރު މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ދޯނި ފެނިފައިވަނީ މި ދޯނި ހޯދުމަށް ކޯސްޓް ގާޑުން ވައިގެމަގުން ކުރަމުންދިޔަ މަސައްކަތުން މިއަދު ހަވީރު ތިންގަޑި ފަހެއް ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް "ކުރަނގި" ހެލިކޮޕްޓަރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ދޯނި ފެނުނީ އައްޑޫ ސިޓީ އާއި ހުޅަނގު ދެކުނުން 32 މޭލު ބޭރުންކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރެވިފައިވާކަމަށާ، މި ދޯނި މިހާރު އައްޑޫ ސިޓީއަށް ދަތުރުކުރަމުންދާކަމަށް އެމްެންޑީއެފުން މަޢުލޫމާތުދެއެވެ.

ސ.މަރަދޫ އިން މިދިޔަ ހުކުރު ދުވަހު އިރުއޮއްސުނުއިރު މަހަށްފުރި "ކޮންކޯޑް" ނަމަކަށް ކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު ނުވަގަޑި ވިހި ހާއިރުކަމަށް އެމްއެމްޑީއެފުން ބުނެއެވެ.