ޚަބަރު

ހިތަދޫ ސްކޫލުގައި ލީޑަރޝިޕް ޕްރޮގްރާމެއް ހިންގައިފި


ސްކޫލް ދަރިވަރުންގެ މެދުގައި އެކުގައި މަސައްކަތް ކުރުމަށާއި ވާދަވެރި ކަމުގެ ރޫޙު ވަރުގަދަ ކުރުމުުގެ ޢަޒުމުގައި އެމްއެންޑީއެފުން އައްޑޫސީޓީގެ ހިތަދޫ ސްކޫލްގައި ޚާއްޞަ ޕްރޮގްރާމެއް ހިންގައިފިއެވެ. ރާއްޖޭގައި މުޅިން އަލަށް ހިންގި މި ޕްރޮގްރާމުގައި 60 ދަރިވަރުން ބައިވެރިވިއެވެ.  

އެމް.އެން.ޑިއެފުގެ ސަދަން އެރީއާއިން ބުނެފައިވަނީ މި ފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ސްކިލްސް އަށަގެންނެވުމާއި ދަރިވަރުން އެކުގައި މަސައްކަތް ކުރަން އުންގަންނައިދީ ވާދަވެރި ކަމުގެ ރޫހުގައި ކަންކަން ޙައްލުކުރަން ދަސްކޮށްދިނުން ކަމުގައެވެ.

ހިތަދޫ ސްކޫލުގެ ގްރޭޑް ދިހައެއްގެ ދަރިވަރުން ފިޔަވައި އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 60 ދަރިވަރުން 6 ޓީމަކަށް ބަހާލައިގެން އެމް.އެން.ޑީ.އެފުން ވަނީ އެކި ކަހަލަ ޙަރަކާތްތަށް ހިންގާފައެވެ. އަދި ފައިނަލް އެކްސަރސައިޒުގައި ދަރިވަރުންގެ ޓީމުތަކުން ދަސްކުރި ޢާދަތައް ވާދަވެރި ގޮތެއްގައި ތަފާތު އެކި ކަހަލަ ޙަރަކާތްތަކުގައި ބައިވެރިވެ އެކުދިންގެ ލީޑަރޝިޕް ހުނަރު ވަނީ ބަލާފައެވެ.

ހިތަދޫ ސްކޫލު ޕްރިންސިޕަލް ވިދާޅުވީ މިފަދަ ޙަރަކާތްތަކުން ދަރިވަރުންނަށް ލީޑަރޝިޕް ދަސްވެގެންދާ ކަމަށާއި އަދި މިފަދަ އިތުރު ޙަރަކާތްތަަށް ކުރިއަށް އޮތްތާގައިވެސް ހިންގަން މަސައްކަތް ކުރައްވާނެ ކަމަށެވެ.