ޚަބަރު

އައްޑޫސިޓީގެ ނަރުދަމާގެ މަސައްކަތް މިއަހަރުތެރޭގައި ނިންމާލެވޭނެ


އައްޑޫސިޓީގެ ހުރިހާ ރަށެއްގެ ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ނަރުދަމާގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވަނީ އައްޑޫ ސީޓީއަށް ވަޑައިގެން އެސިޓީގެ ހުރިހާ ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލައްވާފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން އައްޑޫސިޓީގައި ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ކުރިޔަށްގެންދާ މަޝްރޫޢާބެހޭ ގޮތުން މިނިސްޓަރ ވިދާޅުވީ،  މިއަހަރުތެރޭގައި އައްޑޫސިޓީގެ ހުރިހާ ރަށެއްގެ ނަރުދަމާ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

" އައްޑޫގެ ހުރިހާ ރަށެއްގަ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ، ހުޅުމީދޫ، އަދި ހިތަދޫގެ މެދުތެރެ ފިޔަވާ ދެކޮޅުގައި ވެސް މިހާރު މަސައްކަތްތަށް ކުރަމުން ދަނީ. އަދި މެދުތެރޭގައިވެސް ކުރީގެ ބައިވޯޓާރ އިން ނުނިންމާ ހުރި މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަރަށް އަވަދިނެތި ކުރަމުން އެދަނީ. ޖުމްލަ ގޮތެއްގައި ދަންނަވާ ކަމަށް ވާނަމަ 2018 ވަނަ އަހަރު ތެރޭގައި އައްޑޫގެ ހުރިހާ ރަށެއްގައި ނަރުދަމާގެ މަސައްކަތް ނިންމާލެވޭނެ،"  މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

އައްޑޫސިޓީގައި މިހާރު ކުރިޔަށްދާ މަޝްރޫޢޫތަކަށް ބަލާއިރު، އެންމެ ބާރު ސްޕީޑެއްގައި މަސައްކަތް ކުރިޔަށްދަނީ ހުޅުމީދޫ ނަރުދަމާގެ މަސައްކަތެވެ. މިމަސައްކަތުގެ %70 އިން ސައްތަ ނިމިފައެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ހޮޅިވަޅުލުމުގެ މަސައްކަތާއި، ސުވަރޭޖް ޓްރީޓްމެންޓް ޕްލާންޓުގެ މަސައްކަތެވެ. ސީއައުޓްފޯލްގެ އިތުރުން އެޑްމިން ބިލްޑިންގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ހުޅޫމީދޫ ނަރުދަމާގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުގެ އެހީގަ ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަނާ ޙަވާލު ކޮންގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޖުމްލަ 113 މިލިއަން ރުފިޔާ ހޭދަވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއްވެސް ރޭވިފައިވާގޮތައް ކުރިޔަށްދާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޔާމީނު ޢަބްދުލް ޤައްޔޫމު ވަޢުދުވެވަޑައިގެންފައިވާގޮތައް މި މަޝްރޫޢުގެ މަސައްކަތް ނިންމާ ވަރަށް ކައިރި މުސްތަޤްބަލެއްގައި ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެކަމަށެވެ.

" ޖުމްލަ ގޮތެއްގައި ދަންނަވާ ކަމަން ވަންޏާ މަސައްކަތް ދަނީ ހަމަ ޓާގެޓަށް. އިރާދަ ކުރެއްވީޔާމު ރައްޔިތުންނަށް ރައީސް ޔާމިން ވަައުދު ވެވަޑައިގެންފަ އޮތްގޮތަށް ނަރުދަމާގެ މަސައްކަތް ނިންމާ އަދި ފެނުގެ މަސައްކަތް ނިންމާ އެޚިދުމަތްތަށް ލިބިގެންދާނެ. އަދި އަޅުގަނޑުމެން ކުރިއައް އޮތްތާނގަ އައްޑޫސީޓީގެ ޑިވެލޮޕްމެންޓް އަށް، އައްޑޫސިޓީގެ ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތައް ރައީސް ޔާމިނުގެ ވެރިކަމުގައި ހުންނަވައިގެން އައްޑޫ ސިޓީ އަށް ކޮއްދެއްވާނެ." މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

މިނިސްޓަރގެ އައްޑޫސިޓީއަށް ކުރެއްވި މިދަތުރުފުޅުގައި އައްޑޫސިޓީގެ ގުޅިފައިވާރަށްތަކުގައި ކުރިޔަށްދާ މަޝްރޫޢުތަކުގެ އިތުރުން، ހުޅުމީދޫގެ ނަރުދަމާ މަސައްކަތާއި ހުޅުމީދޫ ކުނި މެނޭޖް ކުރާ ސެންޓަރާއި ހުޅުދޫގެ ގިރާ ޞަރަޙައްދުވެސް ބައްލަވާލެއްވިއެވެ.