ޚަބަރު

"ޒުވާނުންނަށް މަގުއޮޅެނީ ދެވޭ ތަރުބިއްޔަތު ގޯސްވުމުން"


ސޫރިއާގައި ހައްޤަކާނުލައި އެތައްހާސް ކުޑަކުދިން މަރަމުންދާއިރު ދުނިޔޭގެ ލޮލަކަށް އެމަންޒަރު ނުފެންނަކަމަށާއި އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގައި އަންގަވާގޮތުގެމަތިން މަރަށް މަރުހިފަން ޙުކުމްކުރުމުން ދުނިޔޭ ގިނަ ބަޔަކަށް އެކަން ބަލައިނުގަނެވޭކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެންވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމްއާއި ގުޅިގެން ފެށި ރާއްޖޭގެ އިސްލާމީ އެންމެ ބޮޑު ފެސްޓިވަލް "ހުކުރު އުފާ"ގެ ފުރަތަމަ ރޭގެ ދަރުސްދެއްވަމުންނެވެ.

"ފުރާނައަށް ދިރުންދޭށޭ" މިނަމުގައި ބޭއްވި ދަރުސްގައި ޑރ.ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ ގިނަ ކަންތަށްތަށް ބިނާވެގެންވަނީ ފުރާނަ ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމުގެ މައްޗަށްކަމަށެވެ. ފުރާނައަށް ދިރުން ދިނުމަށްޓަކައި ބައެއްކަންތަށްތަށް ކުރުމަށް އަންގަވާފައިވާއިރު ބައެއްކަންތަށްތަކުން ދުރުހެލިވުމަށްވެސް އިސްލާމްދީން އަންގަވާފައިވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި މަސްތުވާތަކެތިން ދުރުވާންޖެހޭކަން ޝަހީމް ފާހަގަކުރެއްވިއެވެ. 

ފަހަކަށްއައިސް މީހުން މެރުމާއި މާރާމާރީގެ މައްސަލަތަށް ރާއްޖޭގައި އިތުރުވެފައިވާކަމަށާއި މީގެ ސަބަބަކީ މީގެ އަހަރުތަކެއްކުރިން ދަރިންނަށް ދެވުނު ތަރުބިއްޔަތުގެ ނަތީޖާކަން ފާހަގަކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަށް ރަނގަޅުކުރުމަށްޓަކައި ދީނީ ތަރުބިއްޔަތު ދަރިންނަށް ފުރިހަމައަށްދޭންޖެހޭކަމަށެވެ. 

މިރޭގެ ދަރުސް އަޑުއަހަން އައި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު 2 މީހަކަށް ޢުމްރާ ދަތުރެއްވަނީ ހަދިޔާކޮށްފައެވެ. ހުކުރުއުފާގެ ނަމުގައިފެށި އިސްލާމިކް ފެސްޓިވަލް އޮންނާނީ ކޮންމެ ހުކުރުދުވަހަކުއެވެ.