ޚަބަރު

މާޅޮހުގައި ކޮމިއުނިޓީ އެންހޭންސްމަންޓް ޕްރޮގްރާމްތަކެއް ފަށައިފި


އެމްއެންޑީއެފް މާލޭ އޭރިއާއިން އއ.މާޅޮހުގައި "ކޮމިޔުނިޓީ އެންހޭންސްމަންޓް" ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މި ޕްރޮގްރާމްތަކަކީ، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ އިން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިމަހު 12 އިން ފެށިގެން އަންނަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ، އެރަށުގެ ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި، ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގާ މޫދު ކަސްރަތު ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އއ.މާޅޮހު ސްކޫލު ދަރިވަރުންނަށް ހިންގާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި އެ ސްކޫލުގެ ގުރޭޑު 2 އިން ފެށިގެން ގްރޭޑު 9 އާ ދެމެދުގެ 47 ދަރިވަރަކު ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި، ފްރީ ސްޓައިލް ސުވިމިންގ، ބެކް ފްލޯޓިންގ، ފްރަންޓް ފްލޯޓިންގ ފަދަ ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ. 

މީގެ އިތުރުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގާ މޫދު ކަސްރަތު ޕްރޮގްރާމްގައި، އެރަށުގެ އަންހެނުންގެ ތެރެއިން 42 ފަރާތެއް ބައިވެރިވެފައިވާއިރު،  މި ޕްރޮގްރާމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މޫދުގައި ކުރެވޭ ކަސްރަތުގެ މުހިންމު ކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަސްކޮށްދޭނެއެވެ.

މި ޕްރޮގްރާމްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާއަށް ނިސްބަތްވާ ކޮމްޕޯނަންޓްތަކުގެ ތަޖުރިބާކާރު ސިފައިންނެވެ. އއ.މާޅޮހުގައި ހިންގާ މި ޕްރޮގްރާމްތަކަކީ އއ.މާޅޮހު ކައުންސިލްގެ އެދުމުގެ މަތިން، އެމްއެންޑީއެފް މާލޭ އޭރިއާއިން ހިންގާ ޕްރޮގްރާމްތަކެކެވެ.