ޚަބަރު

ހިޔާގައި ކުދިން ބަލަހައްޓަނީ އެކަމުގެ ޒިންމާ އެނގިގެން- މިނިސްޓަރ


ދައުލަތުގެ ބެލުމުގެ ދަށުގައި، ކުޑަކުދިންގެ ހިޔާއާއި، ފިޔަވައްޗާއި، އަމާންހިޔާގައި ތިބި 163 ކުދިންގެ ޒިންމާއާއި ދައުލަތުން ޙަވާލުވެފައިވަނީ އެއީ ބޮޑު ޒިންމާއެއްކަން ޤަބޫލުކޮށްގެން ކަމަށާއި، މިހާބޮޑު ޒިންމާއެއް ދައުލަތުން އުފުލަމުންދަނީ ކަންތައްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުމިންވެސް ރަގަޅަށް އެނގިގެން ކަމަށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދުޒަކީ ވިދާޅުވެއްޖެއެވެ. 

ޖެންޑަރ މިނިސްޓަރ މިހެން ވިދާޅުވީ، ރައްކާތެރިކަން ފޯރުކޮށްދޭ ކުދިންނާ ބެހޭގޮތުން ބައެއް މީޑިއާތަކުން ޙައްސާސް މަޢުލޫމާތު ޙިއްޞާކުރަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ދެއްވި ބަޔާނެއްގައެވެ. މިފަދަ ކަންކަމުގެ ސަބަބުން އާންމުން ކުދިންނާމެދު ދެކޭގޮތް ބަދަލުވަމުންދާ ކަމަށް ވިދާޅުވެ، ޖެންޑަރ މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެވެނީ ކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމުގައި ޢާއިލާއިން އިހުމާލުވެ، ރައްކާތެރިކަން ނުދެވޭފަދަ ޙާލަތްތަކުގައެވެ.

މިފަދަ ކުދިން ބެލެހެއްޓުމަށް ސަރުކާރުން ހިންގަމުން އަންނަ  ކުޑަކުދިންގެ ހިޔާއާއި، ފިޔަވައްޗާއި އަމާންހިޔާގައި މިވަގުތު 163 ކުދިން ދިރިއުޅެމުންދެއެވެ. މިތަންތަނުގައި ދިރިއުޅޭ ކުދިންނަށް އަމިއްލަ ގެއެއްގައި ދިރިއުޅޭފަދަ އިޙްސާސެއް ގެނެސްދިނުމަށް ބެލެނިވެރި ފަރާތް ޖެންޑަރ މިނިސްޓްރީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި ގުޅޭގޮތުން  ޖެންޑަރ މިނިސްޓަރ ވިދާޅުވީ، މިކުދިންގެ ތެރޭގައި ބައެއް ކުދިންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ވަރަށް ހިތާމަވެރި ކަންތައްތަކެއް ތަޙައްމުލްކުރަން ޖެހިފައިވި ކުދިން ނަމަވެސް މިކުދިންނަކީ ދިރިއުޅުމުގައި އާދަޔާޚިލާފަށް ހިތްވަރުގަދަ ކުދިންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާއަކުން ކުރިއަށްދެވޭނެ ކާމިޔާބު ކުއްޖަކަށް ހެދުމަކީ ސަރުކާރުގެ އަމާޒްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

އެގޮތުން ކަންތައްތައް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށާއި، ކުދިން ބަލަހައްޓަން ތިބޭ މުވައްޒަފުންނަށްވެސް ކުދިންގެ ބެލުމުގެ ތަމްރީންތައް ދެމުންދާކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. 

ކުދިންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކުގެ އިތުރުން، ކުދިންގެ ދުޅަހެޔޮކަމާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޫލް ނިންމާ ޢުމުރުފުރާގެ ކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މިހާރުވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. 

ޖެންޑަރ މިނިސްޓަރ ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ އެކި މުއްސަސާތަކާއި، ކުންފުނި އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފަރުދުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވާފައެވެ.