ޚަބަރު

ވިލާ ކޮލެޖުގައި އަވިން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރަނީ


އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް އަމިއްލަ ފަރާތަކާއެކު ވިލާ ކޮލެޖުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ވިލާ ކޮލެޖުގައި 183 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމްކުރުމަށް އަވި ޓެކްނޮލޮޖީސްއާއެކު ވި އެއްބަސްވުމެކެވެ. މިއީ ވިލާ ކޮލެޖް މާލޭ ކެމްޕަސް - ކިޔޫ.އައި. ކެމްޕަސްގައި މިހާރު ހުރި ފުރާޅުތައް ބޭނުންކޮށްގެން ސޯލާ ޕެނަލް ޖެހޭނެ އެންމެ ބޮޑު ޢަދަދު ކަމަށާއި، މި ޕްރޮޖެކްޓަށް 4.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ދުވާލެއްގެ މައްޗަށް ކަރަންޓްގެ ޚަރަދު 60 އިންސައްތަ ކުޑަ ކުރެވޭނެ ކަމަށާއި، މިއީ ވިލާކޮލެޖްގެ މުސްތަޤްބަލަށް ލިބޭ ކުރިއެރުމެއް ކަމަށް އަންވަރު ވިދާޅުވިއެވެ. އަދި މާދުރުނޫން މުސްތަޤުބަލެއްގައި މުޅި ކޮލެޖަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދެވޭ ވަރުގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމްކުރުމަކީ މި މަޝްރޫޢުގައި ހިމެނިފައިވާ ކަމެއް ކަމަށް އަންވަރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަޙްމަދު އަންވަރެވެ. އަދި އަވި ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް އާޠިފެވެ. ވިލާކޮލެޖަކީ ފެށުނީއްސުރެ ތިމާވެއްޓާއި ރަށްޓެހި އަދި ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދޭ ތަނަކަށްވެފައި މިފަދަ ސިސްޓަމްއެއް މި ކޮލެޖުގައި ޤާއިމްކުރެވުމަކީ ތިމާވެއްޓަށް ވިލާ ކޮލެޖުން ދޭ އަޙައްމިއްޔަތު އިތުރުވެގެންދާ ކަމެއް ކަމަށް އެ ކޮލެޖުން ފާހަގަކުރެއެވެ.