ޚަބަރު

ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ހަދިޔާކޮށްފި


ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ބައެއް ސާމާނު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ - އެންޑީއެމްސީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް - އެމްއެންޑީއެފާއި ޙަވާލުކޮށްފިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިތަކެތި އެމްއެންޑީއެފާއި ޙަވާލުކޮށްދެއްވީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިންގުމާ ޙަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ތަސްނީމެވެ. އެމްއެންޑީއެފްގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދު ﷲ ޒުޙުރީއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އެމްއެންޑީއެފާއި ޙަވާލުކުރެއްވި ކާރިސާގެ ޙާލަތުގައި ބޭނުންކުރާ ތަކެއްޗަކީ ރާއްޖެއަށް ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ކާރިސާތަކަށް އިޖާބަ ދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ ގޮތުން ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ އިކުއިޕްމަންޓްތަކެކެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން މިއަދު އެމްއެންޑީއެފާއި ޙަވާލުކުރެވުނީ ފުރަތަމަ ފިޔަވަހީގެ ފުރަތަަމަ ޝިޕްމަންޓާއި ދެވަނަ ޝިޕްމަންޓުގެ ދަށުން ލިބިފައިވާ ތަކެއްޗެވެ. މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ގާތްގަނޑަކަށް 9.9 މިލިއަން އެމެރިކާގެ ޑޮލަރަށް އަރައެވެ. އެމްއެންޑީއެފާއި ޙަވާލުކޮށްފައި ވަނީ އަލިފާން ނިއްވާ 70 ޕަންޕް ސެންޓާއި 4 ފޯކްލިފްޓްއެވެ. img:http://s4.psmnews.mv/images/660x400/14974656701454.jpg|ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ހަދިޔާކުރުން - ފޮޓޯ: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

މި ރަސްމިއްޔާތުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހިންގުވުމާ ޙަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ތަސްނީމްއާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދު ﷲ ޒުހުރީ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ އިސްވެރިންނާއި އޮފިސަރުންގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.