ޚަބަރު

ބްލަޑް ސަރވިސަށް އަހަރަކު 9,000 ޔުނިޓްގެ ލޭ ބޭނުންވޭ - މިނިސްޓަރ


މޯލްޑިވިއަން ބްލަޑް ސަރވިސްއަށް އަހަރައެއްގެ މައްޗައް 9,000 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވިއަން ބްލަޑް ޑޯނަރސްގެ ފަރާތުން ބޭއްވި ޚާއްޞަ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. img:http://s3.psmnews.mv/images/660x400/14974640536406.jpg|ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހިމް - ފޮޓޯ: ހެލްތް މިނިސްޓްރީ

ބްލަޑް ސަރވިސްއިން ޚިދުމަތް ހޯދާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު އަހަރުން އަހަރަށް ލޭ އަޅާ މީހުން އިތުރުވާކަން ފާހަގަ ކުރެވެއެވެ. އަދި ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރާ ފަރާތްތައް ހޯދުމުގައި ގޮންޖެހުންތަކެއް ހުރެއެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް މޯލްޑިވިއަން ބްލަޑް ޑޯނާރސްގެ ނަމުގައި ލޭހަދިޔާ ކުރާމީހުންގެ ޖަމިއްޔާއެއް އުފެއްދުމާއެކު މިކަމަށް ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައެވެ. އެކި ސަބަބުތަކާހުރެ ލޭ ބޭނުންވާ މީހުންނަށް ޖުމްލަކޮށް ހަފްތާއަކު 150 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރ ފާހަގަކުރެއްވިއެވެ. img:http://s4.psmnews.mv/images/660x400/14974641701031.jpg|މޯލްޑިވިއަން ބްލަޑް ޑޯނާސްގެ އެމްބެސަޑަރަކަށް ޒަލީފް ހަމަޖެއްސުން - ފޮޓޯ: ޕީއެސްއެމް

ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޚާއްޞަ ޙަރަކާތުގައި މޯލްޑިވިއަން އައިޑަލްއިން ވިދާލި ލަވަކިޔުންތެރިޔާ މުޙައްމަދު ޒަލީފް ޢަބްދު ﷲ ހަމަޖައްސައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މޯލްޑިވިއަން ބްލަޑް ޑޯނަރސްގެ ނައިބް ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ މިހާ ކުލަގަދަކޮށް މިދުވަސް ފާހަގަ ކުރުމުގެ މަޤްސަދަކީ ލޭ ހަދިޔާ ކުރުމަށް މީހުން ހޭލުންތެރިކޮށް އަހުލުވެރިކުރުން ކަމަށެވެ. img:http://s3.psmnews.mv/images/660x400/14974640321733.jpg|މޯލްޑިވިއަން ބްލަޑް ޑޯނާސްގެ އިވެންޓުގައި ފުއްޕާހަން ދޫކޮށްލުން - ފޮޓޯ: ހެލްތް މިނިސްޓްރީ

ބްލަޑް ޑޯނާސްގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، ދުވަހާއި ގުޅިގެން ޚާއްސަ ދުވުމަކާއި، އަދި ލޭ ހަދިޔާ ކުރާ މީހުންގެ އަގުވަޒަން ކުރުމަށް ޖައްވަށް 200 ފުއްޕާހަން ދޫކޮށްލާފައިވެއެވެ. މި ހަރަކާތުގައި ފަސްސަތޭކައާއި ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް ބްލަޑް ޑޯނަރސްއިން ބުނެއެވެ.