ޚަބަރު

"ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކް"


ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޤާއިމްކުރާ "ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކް" ޤާއިމްކުރުމުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޖަޕާނުގެ ޔަޗިޔޯ އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑް ހަމަޖައްސައި އެކަމުގެ އެގްރީމެންޓްގައި އެކުންފުންޏާއެކު ޕީ.އެސް.އެމުން ސޮއިކޮށްފިއެވެ.

މި އެގްރީމަންޓްގެ ދަށުން ޔަޗިޔޯ ކުންފުނިން ދެ އަހަރު ދުވަހުގެ ތެރޭގައި ޖަޕާނުގެ ޓީވީ ސިސްޓަމް ރާއްޖޭގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޤާއިމްކުރާ "ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކް" ޤާއިމްކުރުމުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި، އެ ޤައުމުގެ ޔަޗިޔޯ އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑް އައްޔަން ކުރައްވާފައިވަނީ ޖަޕާނުގެ ސަރުކާރުންނެވެ. މިއާއެކު ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން މިއަދު މިވަނީ ޔަޗިޔޯ އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާއެކު މިކަމުގެ އެގްރީމަންޓްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. އަދި ޖަޕާނުގެ ޔަޗިޔޯ އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ސެކްޝަން މެނޭޖަރ ކުވަޔާޝީއެވެ. tw:https://twitter.com/PSMnewsmv/status/874924182236278784

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލު ވިދާޅުވީ، ދެއަހަރު ދުވަހުގެ ތެރޭގައި ޖަޕާނުގެ ޓީވީ ސިސްޓަމް ރާއްޖޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މިފަދަ ޕްރޮޖެކްޓެއް ކުރިއަށްގެންދާއިރު، ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކުގެ ޓެކްނިކަލް އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޔަޗިޔޯ އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑްގެ ސެކްޝަން މެނޭޖަރ އަދި މިޕްރޮޖެކްޓުގެ އިންޗަރޖުގެ އިތުރުން ޗީފް ކޮންސަލްޓަންޓް ކުވަޔާޝީ ވިދާޅުވީ، މިދިޔަ އަހަރު މި ޕްރޮޖެކްޓްގެ އައުޓްލައިން ޑިޒަންގެ ސްޓަޑީ ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާ، އަންނަ އަހަރު އިންސްޓޮލޭޝަންގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ޖަޕާނު ސަރުކާރުން ރާއްޖޭގައި ޤާއިމްކުރާ ޑިޖިޓަލް ޓެލެވިޜަން ސިސްޓަމަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަޕާނަށް ކުރެއްވި ދަތުރުފުޅެއްގައި ޖަޕާނާއި ރާއްޖެއާއި ދެމެދު މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް އެޤައުމުން ދެއްވި އެހީގައި ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.