ޚަބަރު

އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް އިންތިޚާބުވެއްޖެ


އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާރސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ސާޅީސް ތިން ވަނަ ދައުރުގެ އެއް ވަނަ ނާއިބް ރައީސް ކަމުގެ މަޤާމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކެންޑިޑޭޓް މުޙައްމަދު ޢަލީ ޖަނާޙް އިންތިޚާބު ކޮށްފިއެވެ.

އިފޮޕްކާއަކީ އޭޝިއާ އާއި ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސްތަކާއި، އެއެސޯސިއޭޝަންސްތަކުގެ މެމްބަރުންނަށް ކުރިމަތިވާ މައްސަލަ ތަކާއިމެދު ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރެވި އދ.ގެ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތް ތަކާއިއެކު މަސައްކަތް ކުރާ ފެޑެރޭޝަނެކެވެ. 

ހުސްވި މެއި މަހުގެ 30 ހުން މިހިނގާ ޖޫންމަހުގެ ދޭކަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި އިފޮޕްކާގެ ސާޅީސް ތިން ވަނަ ކޮންވެންޝަންގައި މިފެޑެރޭޝަންގެ ޕްރޯ ސެކްރެޓަރީ ޖެނެރަލް ކަމަށް މަސީގެ ރައީސް އަބްދުﷲ މުޙައްމަދުއާއި، ހިންގާކޮމިޓީގެ މެމްބަރުކަމަށް މަސީގެ ނައިބް ރައީސް އަލާއު އަލީ ވެސް ވަނީ އިންތިޚާބުކޮށްފައެވެ. 

މިކޮންވެންޝަންގައި މެމްބަރު އެސޯސިއޭޝަންތައް ތަމްސީލު ކުރާ ޤައުމުތަކުގެ ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ ލޭބަރުންގެ މައްސަލައާއި، ޕާރފޯމަންސް ބޮންޑުގެ މުއްދަތުގެ މައްސަލައާއި، ކޮންސްޓްރަކްޝަން ދާއިރާގެ ތަޢުލީމާއި ތަމްރީނު ދިނުމާއި، ކޮންސްޓްރަކްޝަން ވިޔަފާރި އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްކުރުމާއި، ފޮރިން ކޮންޓްރެކްޓަރުންގެ މައްސަލަ ފަދަ މުހިއްމު މައްސަލަތަކާއިމެދު މަޝްވަރާކޮށް ކުރިއަށް ދިއުމުގައި އަޅާނެ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ. އަދި މެމްބަރު ޤައުމުތަކުގެ މެދުގައި ލޭބަރ ރެކްރޫޓް ކުރުމަށް އިފޮޕްކާއިން އެޕްރޫވްކުރާ އެޖެންސީތައް ލިސްޓުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިފޮޕްކާގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އދ އާއި ބައިނަލްއަޤްވާމީ އެޖެންސީތަކާއިއެކު މިމައްސަލަތައް ޙައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މިފެޑެރޭޝަންގެ ސެކްރެޓޭރިއެޓުން މަސައްކަތް ކުރަމުން ގެންދާނެއެވެ. މިގޮތުން މެމްބަރު އެސޯސިއޭޝަންގެ ފަރާތުން ވޯލްޑް ބޭންކާއި، އޭ.ޑީ.ބީ އާއި، ފިޑިކްއާއި އިފޮޕްކާގެ ސެކްރެޓޭރިއެޓުން ބައްދަލުކޮށް މިކޮންވެންޝަންގެ ނިންމުންތައް ހުށަހަޅާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ އޮނަވިހިސަތޭކަ އަށްޑިހަ ވަނަ އަހަރުން ފެށިގެން އިފޮޕްކާގެ މެމްބަރެކެވެ.