ޚަބަރު

ޢީދުގެ ބަންދުދުވަސްތައް މެދު ނުކެނޑޭގޮތަށް ހަމަޖައްސަވައިފި


1438 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ، މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިނަމަ، މި ޖޫން މަހުގެ 28 ވާ ބުދަ ދުވަހާއި، 29 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި، މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަހަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިނަމަ، އެދުވަސް ސަރުކާރު ބަންދު ދުވަހަކަށް ނުވާނޭ ކަމަށާއި، އެހެންނަމަވެސް މިގޮތަށް ހަމަޖައްސަވައިފިނަމަ ފިޠުރު ޢީދުގެ ބަންދު 3 ދުވަސް ކަމަށްވާ ޖޫން 26، 27 އަދި 28 އާއެކު، މި ޖޫން 29 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ފިޠުރު ޢީދާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ހާމަކުރައްވާފައިވެއެވެ.

ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ ޖުލައި މަހުގެ 2 ވާ އާދީއްތަ ދުވަހުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.