ޚަބަރު

ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކަށް ފަރުވާދިނުމުގެ ޚިދުމަތް


ޕެޓްގެ ގޮތުގައި ޢާއްމުން ގެންގުޅޭ ޖަނަވާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާދިނުމުގައި މޮބައިލް ވެޓެރެނޭރިއަނެއް ކޮންމެ ދުވަހަކުވެސް ޚިދުމަތްދެމުން ގެންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ އެ މިނިސްޓްރީން ދެއްވަމުން ގެންދަވާ ވެޓެރިނޭރިއަން ކޮންސަލްޓަންސީ ނުވަތަ ޖަނަވާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތާ ގުޅޭގޮތުން، ބައެއް ފަރާތަކުން ކިޔާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ނެރުއްވި ބަޔާނެއްގައެވެ.

ވެޓެރިނޭރިއަން ކޮންސަލްޓަންސީ ނުވަތަ ޖަނަވާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާދިނުން ވަރަށް ލަސްކަމަށް ބުނެ ބައެއް ފަރާތަކުން އަންނަނީ ފިޝަރީޒް މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ވެޓެރެނޭރިއަންގެ ޚިދުމަތް އެމިނިސްޓްރީން ދެއްވަނީ ދަނޑުވެރިކަމުގެ އުޞޫލުން ދިރޭ ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުންކަމަށެވެ. އެހެންނަމަވެސް ޕެޓްގެ ގޮތުގައި ބައެއް ފަރާތްތަކުން ގެންގުޅޭ ބުޅަލާއި، ދޫނިތަކަށް ޖެހޭ ބަލިތަކަށް މިނިސްޓްރީގެ މޮބައިލް ވެޓެރެނޭރިއަނެއް މެދުވެރިކޮށް އެހީތެރިކަން ދެއްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޚިދުމަތަށް އެދޭ މިންވަރު ގިނަވުމާއި، އެޚިދުމަތް ދެއްވުމަށް މިނިސްޓްރީގައި ހުންނަވަނީ އެންމެ ވެޓެރިނޭރިއަނެއް ކަމުން މި ޚިދުމަތް ލިބުމުގައި ދެހަފްތާއެއްހާ ދުވަސް ހޭދަވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީއަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ފާޑުކިޔަމުންދަނީ ކަމުގެ މައުލޫމާތު ރަގަޅަށް ނުހޯދާކަމަށާއި ޢާއްމު ފަރާތްތަކުން ވެޓެރިނަރީ ކޮންސަލްޓަންސީގެ ޚިދުމަތް ހޯދުމުގައި، ގުޅިގެން މަސައްކަތްކޮށްފިނަމަ އެޚިދުމަތް ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވެގެންދާނެކަމަށެވެ.