ޚަބަރު

ގެއްލުނު ފުލުސްމީހާ ހޯދުމަށް 6 މޭލުގެ ސަރަޙައްދެއް ބަލައިފި


އައްޑޫ ސިޓީ ގަމު ކަނޑަށް ގެއްލުނު ފުލުސް މިހާ ހޯދުމަށްޓަކައި ޑައިވްކޮށްގެންނާއި ހެލިކޮޕްޓަރުގެ އެހީގައި އެ ސަރަޙައްދުގެ ގާތްގަނޑަކަށް 6 މޭލް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާޙީމް އާޒިމް ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ މަސްވެރިކަމަށް ނިކުތް ޑިންގީން ދަތުރުކުރި ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދު ބެލިބެލުމުން ސުމައިދުގެ ފޯނު ފެނުން ނޫން އިތުރު އެއްޗެއް ފެނިފައިނުވާކަމަށެވެ. އެހެންނަމަވެސް ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ދަނީ ހުއްޓުމެއްނެތި ކުރަމުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މި ޙާދިސާ ތަޙްޤީގް ކުރުމަށްޓަކައި އެ ސަރވިސްގެ ދެބޭފުޅުން އައްޑޫސިޓީއަށް ގޮސްފައިވާކަމަށެވެ. އަދި މި މައްސަލަ ތަޙްޤީޤް ކުރުމަށްޓަކައި ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއެވެ.

ޑިންގީން ދަތުރުކުރި 3 މީހުންގެ ތެރެއިން ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމެއިދު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، ފުލުހުން ގުޅިގެން ކުރަމުންދަނިކޮށް އޭނާގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިޒޯޓްކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، 6 މީޓަރު އަޑިން ކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ.

ޑިންގީ އަށް ދިމާވި ހާދިސާއަށްފަހު ޑިންގީގައި ތިބި އަނެއް ދެމީހުން ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް ވަނީ އަރާފައެވެ. މިހާދިސާއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައިގެން މައުލޫމާތު ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.