ޚަބަރު

ހިރިލަންދޫގައި ފެތުރެމުންދިޔަ ރޯގާ އަންނަނީ ކޮންޓްރޯލްވަމުން


ތ. ހިރިލަންދޫގައި ފެތުރެމުންދިޔަ ހުމުގެ ރޯގާ ކޮންޓްރޯލްވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗް.ޕީ.އޭ އިން ވިދާޅުޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި އެރަށުގައި ހުމާއި ރޯގާ އިތުރުވިކަން ފާހަގަކުރެވިގެން، އިންފުލުއެންޒާ އަށް ޝައްކުކުރެވުނު 6 މީހެއްގެ ލޭގެ ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވާކަމަށެވެ. އަދި މީގެތެރެއިން ފަސްމީހަކު އިންފުލުއެންޒާ ނުވަތަ ހުމުގެ ރޯގާއަށް ޕޮސިޓިވް ވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.  

އެޗްޕީއޭއިން ވިދާޅުވީ އިންފުލުއެންޒާއަށް ޕޮޒިޓިވްވި މީހުން ހިރިލަންދޫ ސިއްޙީ މަރުކަޒުގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ހުކުރު ދުވަހާއި ހަމައަށް ހުމާއި ރޯގާ އިތުރުވިކަން ފާހަގަކުރެވުނު ނަމަވެސް މިހާރު ކޮންޓްރޯލްވަމުން އަންނަކަމަށެވެ.

މިދުވަސްވަރަކީ، ވިއްސާރަ ދުވަސްވަރެއްކަމުން ރޯގާއާއި ހުން ގިނަވަމުން އަންނަކަމަށް އެޗް.ޕީ.އޭއިން ފާހަގަކުރައްވައެވެ. އަދި ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެންނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.