ޚަބަރު

ސައުތު އޭޝިޔާ ސެޓެލައިޓް އިފްތިތާޙުކޮށްފި


އިންޑިޔާއިން އިސްނަގައިގެން ދެކުނު އޭޝިޔާގެ ޤައުމުތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ސައުތު އޭޝިޔާ ސެޓެލައިޓް، އެސް.އޭ.އެސް، އިފްތިތާޙުކޮށްފިއެވެ. 

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ، ސާކް ސެޓެލައިޓެއް ތަރައްޤީކުރުމަށް އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނަށް އިރުޝާދުދެއްވާފައިވަނީ، 2014 ވަނަ އަހަރުގެ ސާކް ސަމިޓަށްފަހުއެވެ. އެއަހަރުގެ ސާކް ސަމިޓްގައި ބޮޑުވަޒީރު މޯދީ ވަނީ، އިންޑިޔާގެ އަވަށްޓެރި ޤައުމުތަކަށް ސެޓެލައިޓެއް ހަދިޔާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މި ސެޓެލައިޓް އިފްތިތާޙުކުރުމަށްޓަކައި މިއަދު އެ މިޝަންގައި ބައިވެރިވާ ޤައުމުތަކުގެ ވެރިން، ވީޑިއޯ ކޮންފަރެންސްކޮށް ބައްދަލުކުރެއްވުމެއް ވަނީ ބާއްވާފައެވެ.

މުވާސަލާތީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ އެސް.އޭ.އެސް މިޝަންގައި، ޕާކިސްތާނު ފިޔަވައި، ސާކުގެ ހުރިހާ ޤައުމުތަކުން ބައިވެރިވެއެވެ. މި މިޝަންގައި ބައިވެރިވާ ކޮންމެ ޤައުމަކަށްވެސް ސެޓެލައިޓްގެ އެއް ޓްރާންސްޕޮންޑަރ ޚާއްޞަކުރުމުގެ އިތުރުން، ހުރިހާ ޤައުމުތަކެއް ބައިވެރިވާ ސައުތު އޭޝިޔަން ޕްރޮގްރާމިންވެސް، މި ސެޓެލައިޓު މެދުވެރިކޮށް، މެމްބަރު ޤައުމުތަކަށް ލިބޭނެއެވެ.