ޚަބަރު

ސިޔާސީ ލީޑަރުން ކުރިން ދެއްކެވި ވާހަކަތައް ވަނީ ހަނދާން ނެތިފައި


ޚިޔާލު ބަދަލުވެ، މީގެކުރިން ދެއްކެވި ވާހަކަފުޅުތައް ހަނދާން ނެތުނީ އެކީގައި މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުންގެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާލެ ހުޅަނގު ފަރާތުގައި ޕީޕިއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ލޯތްބާއިއެކީ، ދިވެހި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށް ކަމަށެވެ. ވެރިކަމަށް ވަޑައިގަތީ އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމަށް ކަމަށާއި، ޤާނޫނު އަސާސީގެ ބާރު ދަމަހައްޓާ، ޤާނޫނީ ޙުކޫމަތް ޤާއިމް ކުރެއްވުމަކީވެސް ވެރިކަމަށް ވަޑައިގެންނެވި ސަބަބެއް ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ޒުވާނުން ބޭނުންވާ ކަންކަން ޤައުމުގައި ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް އުޖާލާ ޙަޔާތެއް ހޯދައިދޭނެ ކަމަށްބުނެ ވަޢުދު ވެވަޑައިގަތީ ޒުވާނުންގެ ކަންކަން ފަހުމްވާތީ ކަމަށާއި އަދުގެ ސަރުކާރުން ޒުވާނުންގެ ކަންކަން ކުރިއަށް ނެރެގެން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވަނީ، ޤައުމަށް މީގެކުރިން ޤައްދާރުވެފައި ތިބި ދިވެހި ދަރީންގެ ފިލާވަޅުން ޢިބުރަތް ޙާޞިލް ކުރެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.