ޚަބަރު

"އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ"


އިންޑިއާއަށް އިސްކަން ދެއްވުމަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭކަމެއްކަމަށާ، މިކަމުން ދޭހަވަނީ ދިވެހި ސަރުކާރުން އިންޑިއާއާމެދު ގެންގުޅުއްވާ ގާތްކަން ކަމުގައި ފޮރިން މިނިސްޓަރު ޑރ.މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

އިންޑިއާގެ 68 ވަނަ ޖުމްހޫރީދުވަސް ފާހަގަކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވެވި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ޑރ.މުޙައްމަދު އާޞިމް ވަނީ އިންޑިއާއިން ޑިމޮކްރަސީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އިންޑިއާއަކީ ސަރަޙައްދީ ޤައުމުތަކަށް ނަމޫނާ ދައްކާ ޤައުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެންމެ ގާތް އެކުވެރިއަކީ އިންޑިއާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމުގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮތްކަމީ ދިވެހިސަރުކާރާ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަމަށެވެ. އަދި މި އަހަރަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އާ ދޮރުތަށް ހުޅުވިގެންދާނެ އަހަރަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14854572312190.jpg|އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޙަފްލާގެތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ވޭތުވެދިޔަ އަހަރު އިންޑިއާ އެންބަސީން ކުރެއްވި މަސައްކަތުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދެއަހަރެއްހައި ދުވަހުގެ ތެރޭގައި މިޢަދަދު މިއަށްވުރެވެސް އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ އިންޑިއާއިން ރާއްޖެއާމެދު ބަހައްޓާ ގާތްކަން އަބަދުވެސް އެގޮތުގައި ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ގުޅުމަކީ ގުތުރަތީ ގުޅުމެއް ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.

އިންޑިއާގައި ޖުމްހޫރީ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 26 ޖެނުއަރީ 1950 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ އިންޑިއާގެ ޤާނޫނުއަސާސީ ވުޖޫދަށް އައިސް ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ.  

އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމަށް އިންޑިއާ އެމްބަސީން ބޭއްވި ޙަފްލާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި، ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޙަފްލާއިގައި ވަނީ އިންޑިއާގެ ސަޤާފީ އެކި ހުށައެޅުންތައްވެސް ހުށައަޅާފައެވެ.