ޚަބަރު

އެމެރިކާގެ 9 ވަނަ މިޝަން ސަޕޯޓްގެ ކޮމާންޑަރު ރާއްޖޭގައި


ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ 9 ވަނަ މިޝަން ސަޕޯޓް ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ސްޓެފަން ކޫރްޑާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފު ބައްދަލުކުރައްވައިފިއެވެ. 

ޑިފެންސް މިނިސްޓްރީގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، އެމެރިކާ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، ލޮޖިސްޓިކް ޕްލެޓްފޯމެއް ޤާއިމްކުރެއްވުމަށްޓަކައި އެމެރިކާ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލޮޖިސްޓިކާ ގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ ސިފައިންގެ ތަޖުރިބާ ޙިއްސާކުރުމަށް މާލޭގައި ކުރިއަށްގެންދިޔަ ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖު ޕްރޮގްރާމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

ބްރިގޭޑިއަރ ޖެނެރަލް ސްޓެފަން ކޫރްޑާ މިއަދު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާވެސް ބައްދަލުކުރެއްވިއެވެ. 

އެމެރިކާގެ ނުވަވަނަ މިޝަން ސަޕޯޓް ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ސްޓެފަން ކޫރްޑާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، އެމެރިކާ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.