ޚަބަރު

އިންޑިއާއިން އެމްއެންޑީއެފަށް ސްޕެއަރޕާޓްސްތަކެއް ހަދިޔާކޮށްފި


އެމްއެންޑީއެފުން ބޭނުންކުރާ ހެލިކޮޕްޓަރަށާއި ކޯސްޓްގާޑް ޝިޕް ހުރަވީއަށް ބޭނުންވާ ބައެއް ސްޕެއަރޕާޓްސް އިންޑިއާއިން ހަދިޔާކޮށްފިއެވެ. 

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތު އޮތީ، އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ސަވައިލެންސް އޮޕަރޭޝަނެއް ހިންގުމަށް މިހާރު ރާއްޖެ އައިސްއުޅޭ އިންޑިއަން ނޭވީ ޝިޕް ކަންކާސޯގައެވެ. މިރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ޙަވާލުވެލެއްވީ މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުޙައިރުއެވެ. އިންޑިއާގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންތު ހާންޑޫއެވެ.

އިންޑިއާ ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާކުރެއްވި ސްޕެއަރޕާޓްސްގެ ތެރޭގައި ހިމެނެނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އަށާއި އެމްއެންޑީއެފް ހެލިކޮޕްޓަރަށް އަދި އެމްއެންޑީއެފްގައި ބޭނުންކުރާ މާކް ތިނެއް ވެހިކަލަށް ބޭނުންވާ ބައެއް ސްޕެއަރޕާޓްސްއެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ކަންކާސޯ ރާއްޖެއަށް ކުރާ މި ދަތުރުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް ކަންކާސޯ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ 4 ވަނަ ދުވަހުއެވެ.