ޚަބަރު

ރައީސް ޔާމީން ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއް- ދުންޔާ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ ސިޔާސަތުތަކަކީ ޚާރިޖީރޮނގުންނާއި، ޤައުމުގެ ތަރައްޤީގެ ރޮނގުން ޤައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބެމުންދާ ހަރުދަނާ ސިޔާސަތުތަކެއްކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ރައީސް ޔާމީންގެ ސިޔާސަތުތައް ތަންފީޒުކުރައްވަން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްގެ ޙައިސިއްޔަތުން ރައީސް ޔާމީނުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ހަރުނަދާކަން އެކަމަނާއަށް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ބޭރުގެ ބައެއް ފިއްތުންތަކާއެކުވެސް ރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކުރައްވައި، ޤައުމުގެ ތަރައްޤީއަށް އާދަޔާޚިލާފު ބޮޑެތި މަސައްކަތްތަކެއް މިސަރުކާރުން މިހާތަނަށްވެސް ކުރައްވާފައިވާކަން ދުންޔާ ފާހަގަކުރެއްވިއެވެ.

ދުންޔާ ވިދާޅުވީ މިއަދު ދިވެހިރައްޔިތުން ބޭނުންވަނީ ތަރައްޤީކަމަށާ، އެތަރައްޤީ ރާއްޖެއަށް ގެނައުމުގައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ނަތީޖާ ދައްކަވާފައި ކަމަށެވެ.

"ދިވެހިރައްޔިތުން ބޭނުންވޭ ތަރައްޤީގެ އުސްމިންތަކަށް، އިތުރު ހަރުފަތްތަކަށް ދާން. އެހެންވީމާ މިމަސައްކަތް ހަލުވިކޮށްދިނުމަކީ މުހިންމުކަމެއް. ހަމަ މިއާއެކު ކުރިންވެސް ފާހަގަކޮށްލިގޮތަށް ޚާރިޖީ ސިޔާސަތުގައިވެސް ވަރަށް މުހިންމު ބައެއްމީ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށްވުން. އަދި ބޭރުގެ ފިއްތުންތަކާވެސް އަޅުގަނޑުމެން ކުރިމަތިލައި އަޅުގަނޑުމެންނަކީ ހަމަ އަމިއްލަ ވަންތަ ބައެއްގެގޮތުގައި ތިބުން. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތްތަކުން ކާމިޔާބީ ހޯދޭނެ." ދުންޔާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވާފައި އިސްތިއުފާދެއްވުމަށްފަހު، ދުވަސްކޮޅެއްފަހުން އަނެއްކާވެސް ސަރުކާރާ ގުޅިވަޑައިގެން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު ފުރުއްވަން ފެއްޓެވުމުން ދުންޔާއާމެދު މިޑިއާގައިވަނީ ތަފާތުވާހަކަތަކެއް ދައްކާފަ. ދުންޔާވަނީ މިކަމަށް ޖަވާބުދެއްވާފައެވެ.

"އަޅުގަނޑު މިސަރުކާރަށް ޚިދުމަތްކުރިން ފޮރިންމިނިސްޓަރުގެ މަޤާމުގައި ދެއަހަރާއި ބައިގެ މުއްދަތެއްގައި. މިމުއްދަތުގައި އަޅުގަނޑުވާނީ އިސްލާމްދީން ޙިމާޔަތްކުރުމަށާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤުލާލު ޙިމާޔަތްކުރުމަށް ޚާރިޖީ ދާއިރާގައި ގިނަމަސައްކަތްތަކެއް ކޮށްފައި. އަޅުގަނޑު ސަރުކާރުންވަކިވީ އޭރުދިމާވި ޚިޔާލުތަފާތުވުންތަކެއްގެސަބަބުން.

އަލުން އެނބުރި އަޅުގަނޑު ސަރުކާރާގުޅުނީ، ޤާބިލް ތަޖުރިބާހުރި މީހުންގެ ޚިދުމަތް ސަރުކާރުގެތެރެއިން ޤައުމަށް ބޭނުންވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ." ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، އެކަމަނާއަކީ ރާއްޖޭގެ ސިއްޙީދާއިރާއަށް އާ ބޭފުޅެއްނޫންކަމަށާ، މީގެކުރިންވެސް މިދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށެވެ. އެގޮތުން ރާއްޖޭގައި ހުންނަ އދ.އޮފީހުގައި އެކަމަނާ މަސައްކަތްކުރެއްވި ދުވަސްވަރު، ހެލްތް މިނިސްޓްރީއާ ގުޅިވަޑައިގެން މިދާއިރާ ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަން ދުންޔާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ސުނާމީ ކާރިސާއަށްފަހު ރާއްޖޭގެ އަތޮޅުތަކަށް ވަޑައިގެން ޙާލުގައިޖެހުނު މީހުންނަށް ޒިޔާރަތްކުރައްވައި، ސިއްޙީދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ދުންޔާ ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ޙައިސިއްޔަތުން، ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމަށް ފުރިހަމަ އެއްބާލެއްވުން ދެއްވާނެކަމަށެވެ. އަދި ސިއްޙީ ދާއިރާއިން ސަރުކާރުގެ އަމާޒަށް ވާޞިވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.