ޚަބަރު

އައިރީނާގެ 7 ވަނަ އެސެމްބްލީގައި މިނިސްޓަރ ޠާރިޤް


އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) ގެ 7 ވަނަ އެސެމްބްލީގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

އަބޫދާބީގައި މިއަދު ފެށްޓެވި މިއެސެމްބްލީގައި 150 ޤައުމެއްގެ ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ފަރާތްތަކާއި އެހެނިހެން އިންޓަރނޭޝަނަލް އޮގައިޒޭޝަންތަކާއި ސިވިލް ސޮސައިޓީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މިބައްދަލުވުމުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމާއި، ކުރިއަރުވާނެ ގޮތްތަކާއި މިދާއިރާގެ ކުރިމަގު ބައްޓަންކުރާނެ ގޮތްތަކާއިމެދު ދުނިޔޭގެ ފެންވަރުގައި މުހިއްމު ކަންތައްތަކެއް ނިންމަވާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.  

މިއެސެމްބްލީގެ ހައިލެވެލް ސެގްމެންޓްގައި މިނިސްޓަރ ޠާރިޤް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓީރިއަލް ރައުންޑް ޓޭބަލް މަޝްވަރާތަކުގައާއި، އައިރީނާގެ ސިޑްސް ލައިޓް ހައުސް އިނިޝިއޭޓިވް އިވެންޓްގައިވެސް މިނިސްޓަރ ޠާރިޤް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. ސިޑްސް ލައިޓްހައުސް އިނިޝިއޭޓިވް އަކީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ސިޔާސީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދައި ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގައި ނަމޫނާ ޤައުމުތަކަކަށް ހެދުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އިނިޝިއޭޓިވްއެކެވެ.

 އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީގެ 7 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ކޮންމެ އަހަރަކު އަބޫދާބީ ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ އަބޫދާބި ސަސްޓެއިނެބިލިޓީ ވީކްގެ އެކިހަރަކާތްތަކުގައާއި، ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒް ހަފުލާގައި ވެސް މިނިސްޓަރ ޠާރިޤް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.