ޚަބަރު

ރާއްޖޭގެ 6 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓާ ދިމާއަށް!


ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ 6 މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމާބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން އިސްނަންގަވައިގެން ބޭއްވެވި 6 ދުވަހުގެ މި މަސައްކަތު ބައްދަލުވުމަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހިރިގަލުގެ 6 މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި މަސައްކަތު ބައްދަލުވުމެކެވެ. 

"އިންޓަރނޭޝަނަލް އެކްސްޕާރޓް ވޯކްޝޮޕް އޮފް ދަ ކޮރަލް ސްޓޯން އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ބޭއްވެވި މި މަސައްކަތު ބައްދަލުވުމުގައި ދުނިޔޭގެ ތަރިކައާ ބެހޭ ބައިނަލްޢަޤުވާމީ ތަޖުރިބާކާރުންނާއި ރާއްޖޭގެ ކަމާބެހޭ މުވައްސަސާތަކުން ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި މަސައްކަތު ބައްދަލުވުން ނިންމެވުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިޕާންޓްމަންޓް އޮފް ހެރިޓޭޖް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މަރިޔަމް އަޒުރާ ވިދާޅުވީ، ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލު މިސްކިތްތަކަކީ ކާބަފައިގެންގެ މަސައްކަތްތެރިކަން ފެންނަ ޤައުމީ ތަރިކަ ކަމަށާއި، މިތަންތަން ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ވާޞިލްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްކަމަށެވެ. އަޒްރާ ވިދާޅުވީ، ރާއްޖޭގައިވެސް ދުނިޔޭގެ ފެންވަރުގައި ހިމާޔަތްކޮށްފައިވާ ތަންތަނާއި ދުނިޔޭގެ ތަރިކައިގެ ގޮތުގައި ހިމެނޭ ތަންތަން ގިނަވުމަކީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢި ގޮތުން ރާއްޖެއަށް އޭގެ ނުހަނު ފައިދާ ކުރާނެކަމެއް ކަމަށެވެ. 

" ބައިނަލްއަޤްވާމީ ތަޖުރިބާކާރު ބޭފުޅުންނާއި ރާއްޖޭގެ މިދާރިއާގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅުން މާލޭގެ ދެމިސްކިތާއި ހަތަރު އަތޮޅެއްގެ މިސްކިތާއި އަދި އެތާންގެ ވަށައިގެންވާ ސަރަޙައްދު ވަނީ ދިރާސާ ކުރައްވާފަ. އަދި އެ ހެއްދެވި ދިރާސާތަކުން އިތުރަށް ފުރިހަމަ ކުރައްވަންޖެހޭ ކަންތައްތައް ފާހަގަކުރައްވާ އެނަލައިޒް ކުރެއްވުމާއިއެކު އަދި އަޅުގަނޑުމެން އިތުރަށް ކުރަންޖެހޭ މަސައްކަތްތަކެއްވެސް ވަނީ ފާހަގަކުރައްވާފަ. މިކަންކަން އަވަހަށް ނިންމުމަކީ އަޅުގަނޑުމެންގެ އަމާޒް."  މަރިޔަމް އަޒުރާ ވިދާޅުވިއެވެ. 

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ކާބަފައިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ތަރިކަތައް ޙިމާޔަތްކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ. 

" އަޅުގަނޑުމެން މިއަދު މިދެކޭ ހުރިހާ ތަނަވަސްކަމާ ހިތްހަމަޖެހުމާއި އުފަލަކީ މިޤައުމުގައި ކުރިން އުޅުނު ބަޔަކު އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިން ކަންތައްތަކެއްގެ މައްޗަށް އައި ތަރައްޤީއާއި އުފަލާ ހިންހަމަޖެހުން. އެހެންވީމާ މިކަން އަޅުގަނޑުމެން އެބަޖެހޭ ދެން އަންނަން އޮތް ޖީލުތަކާ ހަމައަށް މިއަށްވުރެ ފުރިހަމައަށް ފޯރުކޮށްދެން. އެހެންނޫން ކަމަށްވާނަމަ ތާރީޚެއް ނޯންނާނެ." މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ. 

މި މަސައްކަތު ބައްދަލުމުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ ތަރިކައާބެހޭ ތަޖުރިބާކާރުން ވަނީ ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ހުރި ހިރިގަލުގެ ބިނާތަކުގެ ތަފާތު ފާހަގަކުރައްވައި، ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމަށް ތާރީފް ކުރައްވާފައެވެ. އަދި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ބިނާތައް ހިމެނުމަކީ މުހިންމުކަމެއް ކަމަށާ މީގެސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ. 

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި މިހާރު ހިމެނިފައިވާ ރާއްޖޭގެ ހިރިގަލުގެ 6 މިސްކިތަކީ، މާލޭ ހުކުރު މިސްކިތާއި، ޢީދު މިސްކިތާއި، ހއ. އިހަވަންދޫ މިސްކިތާއި، އދ. ފެންފުށީ މިސްކިތާއި ލ. އިސްދޫ މިސްކިތުގެ އިތުރުން ރ. މީދޫ މިސްކިތެވެ.