ޚަބަރު

ލަންކާ މަސްބޯޓު ހޯދުމަށް ހިންގި އޮޕަރޭޝަނަކީ ދެޤައުމުގެ ގުޅުން


ގެއްލުނު ސްރީލަންކާގެ މަސްބޯޓު ހޯދުމަށް ދިވެހި ކޯސްޓްގާޑުން ހިންގި ކާމިޔާބު އޮޕަރޭޝަނަކީ، ދެޤައުމެއްގެ ބަދަހި ގުޅުން މުޅި ދުނިޔެއަށް ހާމަކޮށްދިން ފުރިހަމަ މިސާލެއް ކަމަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ވިދާޅުވެއްޖެއެވެ.

އެމްބެސެޑަރ މިހެން ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު ގެއްލުނު ސްރީލަންކާގެ ދެ މަސްދޯނި ހޯދުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުގެ ތަފްޞީލް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފާއިތުވި ޑިސެމްބަރުމަހުގެ ތެރޭގައި ސްރީލަންކާގެ ދެ މަސް ބޯޓެއް ގެއްލިގެން ދިވެހިރާއްޖޭގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. އަދި ދިވެހި ކޯސްޓްގާޑުން މި ދެ ބޯޓް މިހާރުވަނީ ހޯދާފައެވެ. ފުރަތަމަ މަސްދޯނި ދެފަޅުވެރިންނާއިއެކު ސަލާމަތް ކުރީ ޖެނުއަރީ މަހުގެ ހަތަރު ވަނަދުވަހު ރާއްޖޭގެ އުތުރު ސަރަޙަދުންނެވެ. މި ބޯޓުން ސަލާމަތްވި ދެފަޅުވެރިން މިހާރު ތިބީ ހއ. ދިއްދޫގައެވެ. އެމީހުން މާލެ އަންނަން އަދި ބޭނުންނުވާކަމަށް އެމްއެންޑީފުން ވިދާޅުވެއެވެ.

އެހެންނަމަވެސް އެމީހުން ކަނޑުމަގުން ސްރީލަންކާއަށް ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރާއި، ލަންކާ ސަރުކާރުން ގުޅިގެން ދަނީ ކުރައްވަމުންނެވެ. ސްރީލަންކާގެ ދެވަނަ ބޯޓް ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ގެއްލުނުކަން އެގުނީ ފުރަތަމަ ސަލާމަތްކުރި ބޯޓްގެ ފަޅުވެރިންގެ ފަރާތުންނެވެ.

މި މިބޯޓް ހޯދައިދިނުމަށް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދުމުން ދިވެހި ކޯސްޓްގާޑުން ކުރި މަސައްކަތުން 4 ފަޅުވެރިންނާއެކު ދޯނި ހޯދާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިބޯޓް ފެނުނީ ހދ. މަކުނުދޫގެ ހުޅަނގުން 160 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށެވެ. ބޯޓް ފެނުނުއިރު، ބޯޓްގައި ތިބި 4 މީހުންގެ ތެރެއިން އެކަކުގެ ޙާލުދެރަކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވެއެވެ. އެހެންނަމަވެސް މިހާރު އޭނާގެ ޙާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ސްރީލަންކާ ސަރުކާރުން ވަނީ ލަންކާގެ މަސްވެރިންނާއި ބޯޓްތައް ހޯދުމަށް ދިވެހި ކޯސްޓްގާޑުން ކުރެއްވި މަސައްކަތަށް ޝުކުރު އާދަކުރައްވާ، ތަޢުރީފް ކުރައްވާފައެވެ. ސްރީލަންކާ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްރީލަންކާއިން ރާއްޖެ ކަނޑައަޅަފައި ހުންނަވާ އެމްބެސެޑަރ މޭޖަރ ޖެނެރަލް ރިޓަޔަރޑް އަސޯކާ ތޯރަދެނިޔާ ވިދާޅުވީ، ލަންކާ މަސްބޯޓު ގެއްލުމާއި ގުޅިގެން، އެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ޙިއްޞާ ކުރެވި، ދެޤައުމު ގުޅިގެން ހިންގުނު މި އޮޕަރޭޝަންގެ ސަބަބުން ދެ ޤައުމު ދެމެދު އޮތް ބަދަހި ގުޅުން ހާމަވެގެންދިޔަ ކަމަށެވެ.

"ދިވެހިރާއްޖޭގެ ކަމާގުޅުން ހުރި ފަރާތްތަކަކީ، އިންސާނިއްޔަތުކަން ހުރި، އަދި އިންސާނުންގެ ފުރާނަޔަށް ޤަދަރުކުރާ ބައެއް. އެމީހުން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތުން ލަންކާ ރައްޔިތުން ދިރިތިއްބާ ސަލާމަތްވުމަކީ، އޭގެ ހެއްކެއް. އަޅުގަނޑަށް ޔަޤީން މިފަދަ ޢަމަލުތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ. އަދި ލަންކާ މަސްވެރިން ސަލާމަތް ކުރުމަށް ދިވެހި ކޯސްޓްގާޑުން މިކުރި ބުރަ މަސައްކަތުގެ ސަބަބުން ދެޤައުމުގެ ބަދަހި ގުޅުން މުޅި ދުނިޔެއަށް ހާމަ ވެގެން ހިނގައްޖެ. އަދި މިއީ ޞަރަޙައްދީ ޤައުމުތަކަށް ފެނިގެންދިޔަ މިސާލެއް. މިކަމުގެ ސަބަބުން ގުޅުން ބަދަހި ކުރުމަށް ޞަރަޙައްދީ ޤައުމުތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ." އެމްބެސެޑަރ ތޯރަދެނިޔާ ވިދާޅުވިއެވެ.

ސަލާމާތްތެރިކަމާއެކު ލަންކާ 4 މަސްވެރިންނާއި އެމީހުން ދަތުރު ކުރި ބޯޓް މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި މިމީހުން ސްރީލަންކާއަށް ފޮނުވުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރައްވަމުންނެވެ.

"އެމްބަސީން މިދަނީ، މިމީހުން ސްރީލަންކާއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސްރީލަންކާ ސަރުކާރާއި، ދިފާޢީ ވުޒާރާއާއި، ކަނޑުގެ އަސްކަރިއްޔާއާއި ވާހަކަ ދައްކަމުން. އިންތިޒާމްތައް ހަމަޖެހުނުހާ އަވަހަކަށް ދިވެހި ކޯސްޓް ގާޑުގެ އެހީގައި އެމީހުން ސްރީލަންކާއަށް ގެންދިއުމުގެ މަސައްކަތް ފަށާނަން. ދެސަރުކާރުން މިދަނީ މިކަމުގައި ވާހަކަ ދައްކަމުން... މިކަމުގައި އޮތީ ދެގޮތެއް. އެއީ ބޯޓުގައި ފަޅުވެރިން ފޮނުވާލުން. އަނެއް ގޮތަކީ ރާއްޖޭގައި ބޯޓް ބާއްވާފައި، ވައިގެ މަގުން އެ 4 މީހުން ސްރީލަންކާއަށް ފޮނުވާލުން."  އެމްބެސެޑަރ ވިދާޅުވިއެވެ.

ގެއްލުނު ސްރީލަންކާގެ ބޯޓްގައި ތިބި މިމީހުން ކަނޑުމަގުން ސްރީލަންކާއަށް ދާނަމަ 6 ދުވަސް ނާގާނެއެވެ. މި ބޯޓް ސްރީލަންކާއަށް ދާނީ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ. މިބޯޓްގައި ތިބި 4 މީހުން ސްރީލަންކާއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހެންދެން ދެ ސަރުކާރު ގުޅިގެން އެމީހުންގެ އެންމެހައި ކަންކަން ބަލަހައްޓަވާނެއެވެ.