ޚަބަރު

ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ޖަމްޢިއްޔާތަކުން އެހީވަނީ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޖަމްޢިއްޔާތަކެއް ގުޅިގެން ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ކެމްޕެއިނުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ އެންމެހައި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލާފައިވާއިރު މި ކެމްޕެއިނުގައި މިވަގުތު 9 ޖަމްޢިއްޔާއަކުން ބައިވެރިވެފައިވާކަމަށް މި ޙަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ. މި ޙަރަކާތުގައި ބައިވެރިވާ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އާންމުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.

މި ކެމްޕެއިންގެ ދަށުން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނީ ސީރިޔާގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށްކަމަށް މި ޙަރަކާތް އިންތިޒާމްކުރާ ޖަމްޢިއްޔާތަކުން ބުނެއެވެ. އެ ގޮތުން ސީރިޔާއަށް ފޮނުވުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް އެ ޖަމްޢިއްޔާތަކުން ބުނެއެވެ.

މި ޙަރަކާތާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އިންޓަރނޭޝަނަލް ހެލްޕް އެއިޑް ގެ މެމްބަރެއްކަމަށްވާ އާދަމް ނާއިފް ވިދާޅުވީ ސީރިޔާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ އަންނައުނާއި ކާބޯތަކެތިކަމަށެވެ.

"މި ވަގުތު 3 ކޮންޓެއިނަރ ފޮނުވާލަން ލިބިފައި އެބަހުރި. މީގެތެރެއިން އެއް ކޮންޓެއިނަރު ފިލްކުރުމަށް ނިންމާފައިވަނީ މަސްދަޅު ފޮނުވުމަށް. އަނެއް ދެ ކޮންޓެއިނަރަށް މިލަނީ ގޮދަޑި، ރަޖާ، އަދި ކޮންމެވެސް ވަރަކަށް އަންނައުނާއި ކުޑަކުދިންގެ ކާނާ" އާދަމް ނާއިފް ވިދާޅުވިއެވެ.

މިއީ ފައިސާ އާއި މުދަލާއި ގުޅުން ހުރި ޙަރަކާތަކަށް ވާތީ މިފަދަ ދަނޑިވަޅުތަކާއި ދިމާކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތައް އުޅޭކަން ފާހަގަކުރައްވާ މި ހަރަކާތައް އެހީ ފޯރުކޮށްދޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ ޖަމްޢިއްޔާތަކުން އިލްތިމާސްކުރައްވައެވެ. އަދި މި ޙަރަކާތުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ގުޅައިގެން ފައިސާ ނުހޯދާނެ ކަމަށް އެޖަމްޢިއްޔާތަކުން ބުނެއެވެ.

ސީރިޔާއަށް އެހީތައް ފޮނުވަން ނިންމާފައިވަނީ ތުރުކީގެ ޖަމްޢިއްޔާއެއް ކަމަށްވާ "އީހާހާ" ކިޔާ ޖަމްޢިއްޔާއެއް މެދުވެރިކޮށްކަމަށާއި މިކަމަށް ވާންޖެހޭ އެއްބަސްވުންތަކުގައި ދެ ފަރާތުން ސޮއިކޮށްފައިވާކަމަށް މި ޙަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ. 

އިންޓަރނޭޝަނަލް އެއިޑް ކޭމްޕެއިންގެ ދަށުން ރޮހިންޔާ، ފަލަސްޠީނުގެ ޣައްޒާ އަދި ޔަމަނުގައި ތިބި މުސްލިމުންނަށް އެހީތައް ފޯރޮކޮށްދިނުމަށް ނިންމާފައިވާކަމަށް މި ޖަމްޢިއްޔާތަކުން ބުނެއެވެ.